މީހަކަށް ތިން ވޯޓު ކަރުދާސް ދިނުމުގެ ބަދަލުގައި ވަކި އިންތިހާބެއްގައި ވޯޓުލާން ބޭނުންނުވާ ނަމަ އެ ކަރުދާހެއް ނުނަގައި ދޫކޮށްލުމުގެ އިހުތިޔާރު އިލެކްޝަން ކޮމިޝަނުން ފަހި ކޮށްދިނުމުން އިދިކޮޅު އެމްޑީޕީން ކަންބޮޑުވެއްޖެއެވެ.
މިއަދު ހެނދުނު 8 އިން ފެށިގެން ކުރިއަށްދަނީ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެވެ.
މި އިންތިހާބުތަކުގެ ވޯޓުލާން ދާ ފަރާތްތަކަށް ތިން ކަރުދާސް ލިބޭނެ ކަމަށް މީގެ ކުރިން އިލެކްޝަން ކޮމިޝަނުން ބުނި ނަމަވެސް އެ ނިންމުން އީސީން ވަނީ ރޭ ބަދަލުކޮށްފައެވެ. ފުލުހުންނާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އިންތިހާބުތަކުގައި ވޯޓުލާ ކޮންމެ މީހަކަށް ތިން ވޯޓު ކަރުދާސް ލިބޭނެ ކަމަށާއި، ނަމަވެސް ވަކި އިންތިހާބެއްގައި ވޯޓުލާން ބޭނުންނުވާ ނަމަ އެ ކަރުދާހެއް ނުނަގައި ދޫކޮށްލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ވަކި އިންތިހާބެއްގެ ކަރުދާސް ބޭނުން ނުވާ ނަމަ، އެކަން ވޯޓުލާ މަރުކަޒުގައި ތިބި އޮބްޒާވަރުންގެ ކުރިމަތީގައި އިއުލާން ކުރާނެ ކަމަށް ވެސް ޒާހިދު ވިދާޅުވެފައި ވެއެވެ.
އަދި އެފަދައިން އަމަލު ކުރަނީ ވޯޓުލުމުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި، ފަހުން ދިމާވެދާނެ މައްސަލައަކަށް މަގުފަހި ނުކުރުމުގެ ގޮތުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން ބުނީ، މިއަދު ނަގާ 3 ވޯޓުގެ ކަރުދާސް ކޮންމެ މީހަކަށް ދޫނުކުރުމަކީ އެޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އެއީ ވޯޓުގެ ސިއްރުކަން ގެއްލުވައިލުމަށް ކުރަމުންދާ ކަމެއްގެ ގޮތުގައި އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.
އީސީން އިއުލާންކޮށްފައިވާ ގޮތުގައި ވޯޓުލުމުގެ ކިއު ބަންދުވާ ވަގުތަކީ ހަވީރު 4 އެވެ. އަދި އެ ވަގުތަށް ފަހު، އިތުރު މީހަކަށް ކިއުއަކަށް ނޭރޭނެ އެވެ.
މި އިންތިހާބުގައި ޖުމްލަ 588 ވޯޓު ފޮށި ބަހައްޓާއިރު އޭގެ ތެރެއިން 180 ފޮށްޓަކީ މާލެ ސަރަަހައްދުގައި ބަހައްޓާ ފޮށިތަކެވެ. 2961 ކެންޑިޑޭޓުންނާއެކު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 294876 ފަރާތަކަށް ލިބިގެންވެއެވެ.
ހަމަ އެހެންމެ 6،581 އީސީ އޮފިޝަލުން ހަރަކާތްތެރިވާއިރު މޮނިޓާ ކުރުމަށް 8000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ. މިއީ ތިން ވޯޓެއް އެއް ދުވަހެއްގައި ބާއްވާ ފުރަތަމަ ފަހަރެވެ.
