މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކް އެރީނާ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުއްވައިދެއްވައިފިއެވެ.

ރޯލާ ސްކޭޓިން ޓްރެކް އަދި ސްކޭޓް ބޯޑް ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.

މި ސްކޭޓް ޕާކަކީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ އިޖުތިމާއީ ޒިންމާ (ސީއެސްއާރް) ގެ ދަށުން އެ ކުންފުނީގެ ހަރަދުގައި ސަރުކާރުގެ އެދުމުގެ މަތިން ހެދި އެރީނާއެކެވެ.

ސްކޭޓް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސްގެ ދެ ކަނބަލުންނާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ހަމަ އެހެންމެ އާރުސީސީގެ އިސްވެރިން ވެސް އެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އުސްފަސްގަނޑުގައި ހެދި އާ ސްކޭޓް އެރީނާ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން

މި އެރީނާއަކީ ކުޅިވަރާއި އިޖުތިމާއީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫއެއްގެ އިތުރުން މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމައުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވެސް ރޭސިން އާއި ޑްރިފްޓިން އަށް ހާއްސަ އެރީނާ ގާއިމްކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ފަށަން އެމްއޭސީއެލް އިން ވަނީ ތައްޔާރުވެފައެވެ. އެގޮތުން އެ ސަރަހައްދު ހިއްކުމަށް ބޭނުންވާ ސާމާނު ގެންގޮސް މޯބައިލައިޒް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު ގާތްގަނޑަކަށް ދެ ކިލޯމީޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.