މާލޭގައި ވިޔަފާރި އުސޫލުން މަސްތުވާތަކެތި ބޭނުން ކުރުމުގެ ހިދުމަތް ދެމުން އައި "ޑްރަގް ކެފޭ" އެއްގައި ދިވެހި ފިރިހެނަކު މަރުވެފައި އޮތްވާ ފެނިއްޖެއެވެ.

މިއަދު މެންދުރެއްހާއިރު އެމީހާ މަރުވެފައި އޮތްވާ ފެނުނީ، ގ. ފްރެޝް ލައިޓް ނަމަކަށް ކިޔާ ގެއަކުންނެވެ. މިއީ ކުރިންވެސް ޑްރަގްގެ އެކި މައްސަލަތަކުގައި ބަލާ ފާސްކޮށްފައިވާ ގެއެކެވެ.

ފުލުހުން ބުނީ އެ މީހާގެ ހަށިގަނޑުން، ބަޔަކު އަނިޔާކުރި ކަމުގެ ނިޝާނެއް މިހާތަނަށް ފެނިފައިވާ ނުވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކެފޭ އުސޫލުން ޑްރަގުގެ ވިޔަފާރިކުރަމުންދާ ތަންތަން މާލޭގައި ވަރަށް ގިނައެވެ. އެގޮތުން 2024 ވަނަ އަހަރު ހޯމް މިނިސްޓަރު އަލީ އިހުސާން ވެސް ވަނީ މާލޭގައި އެފަދަ 50 އަށްވުރެ ގިނަ އައްޑާ ހިންގަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަންތަނުގެ ތެރޭގައި ހިމެނޭ ތިން ތަނެއް ފާހަގަވެފައިވާ ކަމަށާއި އެ ތަންތަން ތަޅާލަން ނިންމާފައިވާ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވެފައި ވެއެވެ.