ބޭސް ހޯދުމުގައި އާންމު ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދީ، ލުއިފަސޭހަކަމާއެކު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ސްޓޭޓް ޕާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓަޑް (ސްޓޭޓްފާމާ) އިން ހާއްސަ ހޮޓްލައިން ނަންބަރަކާއި ޑިޖިޓަލް ޕޯޓަލްއެއް މިއަދު އިފްތިތާހު ކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން އުފައްދާފައިވާ މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭސްފަރުވާއާ ގުޅޭ ހިދުމަތްތައް ދެމެހެއްޓެނެވި ގޮތެއްގައި ފޯރުކޮށް ދިނުމެވެ. އެގޮތުން ރާއްޖޭގެ ސިއްހީ ނިޒާމު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުގެ ދަށުން، ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ބާރުގަދަ ދުވެއްޔެއްގައި ކުރަމުންނެވެ.
މިއަދު އެ ކުންފުނިން ވަނީ އާންމުންނަށް 24 ގަޑިއިރު ހިދުމަތް ދިނުމަށް "1505" ހޮޓްލައިން ނަންބަރު އިފްތިތާހް ކޮށްފައެވެ. އެ ހޮޓްލައިން މެދުވެރިކޮށް، ޒަރޫރީ ބޭސްތައް ހޯދުމުގައި ދަތިވާ ފަރާތްތަކަށް ބޭހަށް އޯޑަރު ކުރުމާއި، ބޭސް ލިބޭނެ އިންތިޒާމުތައް ފަސޭހައިން ހަމަޖެއްސޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީގެ އެހީގައި ހިދުމަތް އަވަސްކުރުމަށް "ސްޓޭޓްފާމާ" ޕޯޓަލް ވެސް ވަނީ މިއަދު ތައާރަފް ކޮށްފައެވެ. "އީ-ފާސް" މެދުވެރިކޮށް ވަދެވޭ މި ޕޯޓަލްއަކީ އެންސްޕާގެ ނިޒާމާ ގުޅުވާލާފައިވާ ޕޯޓަލްއެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މީގެ ސަބަބުން ބޭސް ހޯދުމަށް އެދުމާއި، އެދިފައިވާ ބޭސް އޮތް މަރުހަލާ ބަލައިލުމުގެ ފުރުސަތު ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ސްޓޭޓްފާމާ އިން ހާމަކުރި ގޮތުގައި މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ދެފުށް ފެންނަ، އަވަސް އަދި ލުއިފަސޭހަ ނިޒާމެއްގެ ތެރެއިން ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށް ދިނުމެވެ. އެހެންކަމުން، ބޭސް ހޯދުމަށް ބޭނުންވާ އެންމެހާ ފަރާތްތަކުން "1505" ހޮޓްލައިން ނުވަތަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނިން އިލްތިމާސްކުރެއެވެ.
