ރާއްޖެއަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ޕާކިސްތާނުގެ މަޝްހޫރު ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ހިރާނިސް ފާމަސޫޓިކަލްސް ޕްރައިވެޓް ލިމިޓެޑާއެކު ޑިސްޓްރިބިއުޓާޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓޭޓް ފާމާއިން ބުނީ މިއީ ސްޓޭޓް ފާމާގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް ފުޅާކުރުމަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި، މި އެއްބަސްވުމުގެ ދަށުން އިތުބާރު ހުރި ސަޕްލައި ޗެނަލްތަކެއް ގާއިމުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު އަދި ރައްކާތެރި ބޭހުގެ ބާވަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދީ ދަތިކަމެއް ނައިސް ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ވަރުގަދަކުރުންކަމަށް ސްޓޭޓް ފާމާއިން ވަނީ ބުނެފައެވެ.
ސްޓޭޓް ފާމާއިން ބުނީ ޕާކިސްތާނުގެ ހިރާނިސް ފާމަސޫޓިކަލްސްއަކީ ބައިނަލްއަގުވާމީ މާކެޓުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދަމުން އަންނަ ކުންފުންޏެއްކަމަށާއި، އެ ކުންފުނީގެ އުފެއްދުންތައް ދިވެހިރާއްޖޭގެ އިތުރުން ފިލިޕީންސް، އަފްގާނިސްތާން އަދި ދުނިޔޭގެ އެކި މާކެޓްތަކަށް ފުޅާ ދާއިރާއެއްގައި ސަޕްލައިކުރަމުން އަންނަކަމަށެވެ.
ސްޓޭޓް ފާމާއަކީ ރާއްޖޭގައި ބޭހުގެ ދަތިކަން ހައްލުކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި ފަސޭހައިން ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.
އެ ކުންފުނިން ވަނީ އައިޖީއެމްއެޗްގައި 24 ގަޑިއިރު ހިދުމަތްދޭ ފާމަސީއެއް ހުޅުވާ، އާންމުންނަށް ބޭސް ހޯދުމުގައި އެހީތެރިވުމަށް "1505" ހާއްސަ ހޮޓްލައިނެއް ވެސް ތައާރަފުކޮށްފައެވެ.
