ދިވެހިރާއްޖެއަށް ބޭނުންވާ ވެކްސިނާއި އެހެނިހެން އަސާސީ ފާމަސޫޓިކަލް އުފެއްދުންތައް އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް ވެކްސިން އުފައްދާ ކުންފުނި ކަމަށްވާ "ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ" (އެސްއައިއައި) އާއި ސްޓޭޓް ފާމާއާ ދެެމެދު މުހިންމު މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ސީރަމް އިންސްޓިޓިއުޓްގެ ޑިރެކްޓާ އޮފް އިންޓަނޭޝަނަލް ބިޒްނަސް، މިސްޓާ ސަންދީޕް މުލޭ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ޒިޔާރަތުގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި، ރާއްޖެއަށް ބޭނުންވާ ވެކްސިން ފޯރުކޮށްދިނުމުގެ އިތުރުން، ބޭހާއި ސިއްހީ ސާމާނު ހޯދުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނުކަމަށް ސްޓޭޓް ފާމާއިން ހާމަކޮށްފައިވެއެވެ. އަދި ކުރިމަގުގައި ރާއްޖޭގައި ހިންގުމަށް ރޭވިފައިވާ އާންމު ސިއްހަތުގެ އެކި ޕްރޮގްރާމްތަކުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް މުހިންމު މަޝްވަރާތަކެއް ކުރެވުނުކަމަށް ސްޓޭޓް ފާމާއިން ބުނެއެވެ.
އިންޑިއާގެ ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ ގެ އެހީގައި ހިންގާ ވެކްސިން ޕްރޮގްރާމްތަކަށް އެންމެ ގިނައިން ވެކްސިން ފޯރުކޮށްދޭ އަދި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ބޭނުންވާ ފެންވަރު ރަނގަޅު ގިނަ ބާވަތްތަކެއްގެ ވެކްސިން އުފައްދަމުން އަންނަ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.
ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، މި ބައްދަލުވުމަކީ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަކޮށް، ދުނިޔޭގެ ފުންނާބުއުސް ފާމަސޫޓިކަލް ކުންފުނިތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ފެންވަރު ރަނގަޅު، ރައްކާތެރި ބޭހާއި ވެކްސިން އެއްވެސް ދަތިކަމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ފަސޭހައިން ލިބޭނެ އިންތިޒާމު ރާއްޖޭގައި ހަމަޖެއްސުމެވެ.
