އަންނަ ހޮނިހިރު ދުވަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ކުރީގެ ރައީސް އަބްދުالله ޔާމީން އިސްވެ އުފެއްދެވި ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި އެ ޕާޓީގެ މެންބަރުން އެމްޑީޕީއަށް ވޯޓުދިނުމަށާއި، އެމްޑީޕީގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި ޕީއެންއެފްގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ނަޝީދު މިފަދައިން އެދިވަޑައިގެންފައި ވަނީ އިންތިހާބުގެ ކެމްޕޭނަށް އެކި ރަށްރަށަށް އެމަނިކުފާނު ކުރައްވަމުންގެންދާ ދަތުރުފުޅުގައި ގދ. ހޯނޑެއްދުއަށް ވަޑައިގެން ކުރިއަށް ގެންދެވި ކެމްޕޭން ހަރަކާތެއްގައެވެ.
އެގޮތުން އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލެއްވި ޝަކީބާ އަބްދުالله އަށް ވޯޓުދެއްވުމަށް އެދިވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ، ޝަކީބާ ވާދަ ކުރައްވަނީ އަމިއްލަ ގޮތުން ނަމަވެސް ޕީއެންއެފްގެ ތާއީދު އެ ފަރާތަށް ލިބިގެންވާ ކަމަށެވެ.
އެހެންކަމުން ޕީއެންއެފްގެ ކެންޑިޑޭޓުން ނެތް ރަށްރަށުގައި، އެ ޕާޓީގެ މެންބަރުން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ނަޝީދު އެދިވަޑައިގެންފައި ވެއެވެ.
ނަޝީދު މިފަދައިން އެދިލެއްވިއިރު ދާދިފަހުން ޔާމީން ވެސް ވަނީ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވި ފަދައިން "އަނެއް ދިވެހިރާއްޖެ" ހޯދަން މަޖުބޫރު ވެފައި ކަމަށް ވިދާޅުވެފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ 'ޗަގޯސް ޖަލްސާ' ގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ކޮންމެ ވެރިއަކު ވެސް ވިދާޅުވާ ވާހަކައެއް ސީރިއަސްކޮށް ނަގަން ޖެހޭނެ ކަމަށެވެ. އެގޮތުން ގައުމުގެ މިހާރުގެ ހާލަތަށް ރިއާޔަތްކުރައްވައި ޔާމީން ވިދާޅުވީ، ކުރީގެ ރައީސް ނަޝީދު ވިދާޅުވި ފަދައިން އަނެއް ދިވެހިރާއްޖެއަށް މިސްރާބު ޖަހަން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ވެސް ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ދިން ނަމަވެސް ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތްކަން ފާހަގަ ކުރައްވާ ޔާމީން ވަނީ ޕީއެންސީ ނޫން ކޮންމެ ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާއީދު އޮތް ކަމަށް ވިދާޅުވެ، ސަރުކާރު ކޯލިޝަނަށް ނޫނެކޭ ބުނުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.
