ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެދަށުން، އެ ސަރަހައްދުގެ ފެނާއި ނަރުދަމާ ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީން) ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ މަގުގެ އަޑީގެ ނެޓްވޯކްތައް، ބަދަލުކުރުމުގެ މަސައްކަތްކަމަށެވެ. އެގޮތުން މަގުގެ ފެނާއި ނަރުދަމާގެ ނެޓްވޯކްގެ ޕައިޕްލައިންތައް އާ ކުރުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. މަގުގެ އަޑީގެ ޔުޓިލިޓީ ނެޓްވޯކްގެ މަސައްކަތަކީ، މަގު ހެދުމުގެ އެންމެ މުހިންމު އެއް މަސައްކަތް ކަމުގައިވާއިރު އެމްޓީސީސީން ބުނީ މި މަސައްކަތްތައް ކުރިއަށް ގެންދަނީ، ޔުޓިލިޓީ ކުންފުނިތަކާ ގުޅިގެން ކަަމަށެވެ.
މީގެ އިތުރުން މަގުގެ ސައިޑް ވޯކް (ޕޭމަންޓް)އާއި ފެން ހިންދާ ނިޒާމާ ގުޅޭ މަސައްކަތްތައްވެސް ފަށާފައި ވާއިރު އެ ސަރަހައްދުގެ ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާއި ހަމައަށް 90 މީޓަރު ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ބަނދަރުގެ ތޮށި 3 މީޓަރަށް ބޭރަށް ޖައްސައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މީގެ ކުރިން ބޮޑުތަކުރުފާނު މަގުގެ ދެ ސެގްމެންޓެއް ތަރައްގީކޮށް ވަނީ އާންމުންނަށް ހުޅުވާލާފައެވެ.
