އިޒްރޭލާ ބައިވެރިވެ އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތައް ވަރުގަދަ ކޮށް އެއްގަމު މަގުން އަރާ އީރާނުގެ ހަރަދު ހިފަން ތައްޔާރުވަމުން ދާ އިރު، އެމެރިކާއިން ބޭނުން ވަނީ އީރާނުގެ ތެޔޮ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފައިނޭންޝަލް ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ޑޮލާންޑް ޓްރަމްޕް ވިދާޅުވީ، ހަރަޖު ހިފާ އީރާނުގެ ތެލުގެ މައްޗަށް ބާރުފޯރުވޭނެ ކަމަށެވެ.

ހަރަޖަކީ ހޮރުމޫޒު ކަނޑުއޮޅީގައި އޮންނަ ކުޑަރަށެކެވެ. ނުވަތަ އެއީ އީރާނުގެ ތެލުގެ 90 ޕަސެންޓް ބޭރުކުރަން ބޭނުން ކުރާ ރަށެވެ. އެތާނގައި އެއާޕޯޓަކާއި އެއާފީލްޑެއްގެ އިތުރުން ތެޔޮ ސާފުކުރާ ކާރުހަނާތައް ވެސް ހުރެއެވެ.

އެމެރިކާއިން އެތަން ހިފަން ބޭނުން ވާ މައިގަނޑު ސަބަބަކީ ތެޔޮ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، މަގުސަދު އެއަށްވުރެ ފުޅާކަމަށޤ މުރާސިލުން ބުނެއެވެ.

ހަރަޖު އޮންނަނީ ހޮރުމޫޒު ކަނޑުއޮޅީގައި އެންމެ ހިމަ ބައި ހިމެނޭ ސަރަހައްދުގައި ކަމަށް ވުމާއެކު، އެތަން ހިފިއްޖެ ނަމަ މުޅި ކަނޑުއޮޅީގެ ކޮންޓްރޯލް އެމެރިކާއަށް ނަގާނެއެވެ. އަދި ހަރަޖުގައި ތިބެގެން އީރާނުގެ ތެރެއަށް ހަމަލާ ދިނުމަށް ފަސޭހަވެގެން ދާނެއެވެ. މީގެ އިތުރުން އީރާނު ދެމި އޮތުމުގެ ލޭނާރު ނުވަތަ 'ލައިފްލައިން' ބުރިކޮށްލެވޭނެ ކަމަށް މުރާސިލުން ބުނެއެވެ.

ޓްރަމްޕްގެ މިވާހަކަތަކާ ގުޅިގެން އީރާނުގެ ވެރިން ވިދާޅުވެފައި ވަނީ އެއްގަމު މަގުން އަރައިފިނަމަ 'އަލިފާނުގެ ވާރޭ' ވެއްސުވާލާނެ ކަމަށާއި 'އަލިފާނުގައި އެމެރިކާ ސިފައިން އަންދާލާނެ' ކަމަށެވެ.

އަދި އީރާނުން އެދެނީ އެމެރިކާ ސިފައިން އެއްގަމު މަގުން އަރަން ކަމަށާއި އެކަމުގެ އިންތިޒާރުގައި ތިބި ކަމަށެވެ.

އީރާނުގެ އަސްކްރިއްޔާ އަކީ މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުން ހިމެނޭ އަސްކަރިއްޔާއެކެވެ. ސިފައިންނާއި އެނޫންވެސް ދާއިރާތައް ހިމެނޭހެން 610،000 މީހުން ހަރަކާތްތެރިވާއިރު ރިޒާވް ސިފައިން ނުވަތަ ގޮވާލައިފި ހާލަތެއްގައި ނުކުތުމަށް ތަމްރީންވެފައި ތިބި 350،000 މީހުން ތިބި ބޮޑު ފައުޖެކެވެ.

އެމެރިކާއިން އެއްގަމު މަގުން އީރާނަށް އަރައިގަތުމުގެ ތައްޔާރީތައް ކުރަމުން ގެންދާ އިރު، އީރާނު ވަށައިގެން އޮތް ސަރަހައްދުތަކަށް މިހާރު ވަނީ 10،000 ސިފައިން ޖަމާކޮށްފައެވެ. އިއްޔެ އެކަނިވެސް 3500 ސިފައިން ބަހުރައިން އަށް ގޮސްފައި ވެއެވެ.

އެމެރިކާއިން ބުނެފައި ވަނީ، އެމެރިކާ ސިފައިން ގާއިމުވެ ތިބޭނީ އީރާނާ ދާދި ގާތުގައި ކަމަށެވެ.

އެއްގަމު މަގުން އަރައިގަނެ އީރާނު ހިފާނެ ވާހަކަ އެމެރިކާއިން ސާފުބަހުން ބުނެފައި ނުވި ނަމަވެސް، އެމެރިކާގެ އަމަލުތައް ހުރީ އެމަގަށެވެ. އަދި ހަރަޖު ހިފާ ވާހަކަ ޓްރަމްޕް ވިދާޅުވުމުން ކަންކަން އިންތިޒާމް ކުރަމުން ދަނީ އެއްގަމު މަގުން އަރާ ހިފަން ކަމަށް އަސްކަރީ ތަޖުރިބާކާރުން ބުނެއެވެ.

އެމެރިކާއިން ސަރަހައްދަށް ސިފައިން ޖަމާކޮށް ހަރަޖު ހިފުމުގެ ވާހަކަ ދައްކާއިރު، ސުލްހަ ވުމަށް ބާރުއަޅާ ޕާކިސްތާން މެދުވެރިކޮށް ކުރިއަށް ގެންދާ މަޝްވަރާތަކަށްވެސް ދަނީ ތައްޔާރު ވަމުންނެވެ. އެގޮތުން އެމެރިކާއިން މިހާރުވެސް 15 މާއްދާގެ ޝަތުރުތަކެއް އީރާނަށް ވަނީ ހުށަހަޅާފައެވެ. އެ ޝަތުރުތައް ގަބޫލު ނުކޮށް އީރާނުން ވަނީ 5 މާއްދާގެ ހުށަހެޅުމެއް ހުށަހަޅާފައެވެ.

ޕާކިސްތާނަކީ މި މަޝްވަރާތަކުގެ މެދުވެރިޔާ ކަމަށްވާއިރު، އިއްޔެ އެގައުމުން ވަނީ، ސައުދީ، މިސްރު އަދި ތުރުކިޔޭގެ ހާރިޖީ ވަޒީރުން ޕާކިސްތާނަށް ގެންދަވާ ސުލްހައިގެ ވާހަކަތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އެއާއެކު ރޭ ޕާކިސްތާނުން ބުނެފައި ވަނީ، އެމެރިކާ އާއި އީރާނާ ދެމެދު ސީދާ ވާހަކަތައް ފަށަން ޕާކިސްތާނު ފުރިހަމައަށް ތައްޔާރު ކަމަށެވެ.

މި މަޝްވަރާތަކަށް އިޝާރާތް ކުރައްވައި އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވީ، މަޝްވަރާތަކުގެ ދަޅަ ދައްކަމުން އެމެރިކާއިން މަސައްކަތް ކުރަނީ އެއްގަމު މަގުން އީރާނަށް އަރަން ކަމަށެވެ.

އެމެރިކާއާއި އިޒްރޭލުން ހުއްޓުމެއް ނެތި އީރާނަށް ހަމަލާ ދެމުން ގެންދާއިރު، އެމެރިކާއިން ބުނެފައި ވަނީ، ހަނގުރާމަ ފެށިފަހުން ޖުމްލަ 10،000 ތަނަކަށް ހަމަލާ ދެވިފައި ވާ ކަމަށެވެ. އަދި އިއްޔެގެ ހަމަލާތަކުގައި އެމެރިކާއިން ވަނީ، އީރާނުގެ ނިއުކްލިއާ ނިޒާމުތަކަށް ބޭނުންވާ ހެވީ ވޯޓާ ނުވަތަ ބަރު ފެން އުފައްދާ ޕްލާންޓެއް ގޮއްވާލައި އެތަން ފުނޑުފުނޑު ކޮށްލައިފައެވެ. އަދި ހަކަތައިގެ ބައެއް ވިއުގަތަކަށް ހަމަލާދީފައި ވުމުން ކަރަންޓުގެ އަލިކަމުންނާއި ފެން ލިބުމުން ބައެއް ސަރަހައްދުތައް މަހުރޫމު ވެފައި ވާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ހަމަލާތައް ފެށިފަހުން ހަމަލާދީ އީރާނުގެ 82،000 ގެއެއް ހަލާކު ކޮށްލައިފައި ވާކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމައިގައި އީރާނަށް ލިބެމުންދާ ގެއްލުންތައ ބޮޑުވަމުން ދާއިރު، އީރާނުގެ ހަމަލާތަކުގއި އިޒްރޭލާއި، އެމެރިކާގެ ބޭސްތަކާއި ސަރަހައްދުގެ ގައުމުތަކުގެ ވަސީލަތްތަކަށް ވެސް ގެއްލުންތައް ދަނީ ލިބެމުންނެވެ. އިޒްރޭލާއި އެމެރިކާގެ ހަމަލާތަކުގެ ނިސްބަތުން އީރާނުގެ ހަމަލާތަކުގެ ގެއްލުން ކުޑައެވެ.