ބޭންކް އޮފް މޯލްޑިވްސްއިން ހުޅުމާލޭގައި ތަރައްގީކުރާ 182 ޔުނިޓުގެ ހައުސިން މަޝްރޫއުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ މިއީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބީއެމްއެލްގެ ސަބްސިޑަރީއެއް ކަމުގައިވާ، ބީއެމްއެލް އެފޯޑަބަލް ލީޒިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލެ ފޭސް 1ގައި އިމާރާތްކުރާ 182 ހައުސިން ޔުނިޓުގެ ކަމަށެވެ.
ރައީސް އޮފީހުން ބުނީ އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް 1ގައި ތަރައްގީ ކުރާ މި މަޝްރޫއުގެ 182 ހައުސިން ޔުނިޓުގެ، ބިންގާ އަޅުއްވައިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ އަބްދުالله މުއްތަލިބާއި ބީއެމްއެލްއާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ އިސްވެރިން ކަމަށެވެ.
އެފްޑަބްލިއުއާ ހަވާލުކޮށްގެން ހުޅުމާލޭ ފޭސް 1ގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރެވެނީ ބޮޑުމިނުގައި 900 އަކަފޫޓު ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ.
އެފޯޑަބަލް ހައުސިން މަޝްރޫއަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން މެދުވެރިކޮށް ހުޅުމާލެއާއި ވިލިމާލޭގައި ފްލެޓް އެޅުމަށް ހިންގާ މަޝްރޫޢެކެވެ. މިއީ ކުއްޔަށް ހިފުމަށްފަހު މިލްކުކުރެވޭ ގޮތަށް ފަހިކޮށްދޭ ފުރުސަތެކެވެ.
މި މަޝްރޫއުގެ ދަށުން، ހުޅުމާލެ 1، ހުޅުމާލެ 2، އަދި ވިލިމާލޭގައި 3260 ޔުނިޓް ތަރައްގީ ކުރާނެ ކަމަށާއި، މުޅި މަޝްރޫއުގެ އަމަލީ މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ 2028 ގެ އޮގަސްޓު މަހުގެ ނިޔަލަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މި ސްކީމްގެ ދަށުން، މާޗުމަހުގެ ތެރޭގައި 3 މަޝްރޫއުގެ ބިންގާ އެޅި، އަމަލީ މަސައްކަތް ފަށާފައި ވާކަމަށާއި، އޭގެތެރޭގައި ޗައިނާ މެޝިނަރީ އިންޖިނޭރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ހުޅުމާލޭ ފޭސް 2 ގައި ތަރައްގީކުރާ 1224 ހައުސިން ޔުނިޓާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)އާ ހަވާލުކޮށްގެން ވިލިމާލޭގައި ތަރައްގީ ކުރާ 300 ހައުސިން ޔުނިޓުގެ މަޝްރޫއު ހިމެނޭކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރައީސް ޑރ. މުއިއްޒު ވަނީ އިޖުތިމާއީ ތަރައްގީ އާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދެވިގެން ކަމުގައި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަން ކުރެވިފައި ވަނީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސްކޮށްދިނުމާއެކު ކޮންމެ މީހަކަށްވެސް އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
