ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ އޮނިގަނޑަށް ބަދަލު އަންނާނެ ކަމެއް ނޫންކަމަށް ގާނޫނީ ވަކީލް ޝާހީން ހަމީދު ވިދާޅުވެއްޖެއެވެ.

ޝާހީން މިފަދައިން ވިދާޅުވެފައިވަނީ ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ޝާހީން ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކުން އިންތިހާބީ ހައްގަކަށް އުނިކަމެއް ނާންނާނެ ކަމަށާއި، މިއީ ދެ އިންތިހާބު އެއްކޮށްލުން ނޫން ކަމަށެވެ.

ޝާހީން ވިދާޅުވީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަނީކަމަށާއި، މިކަމުގެ ސަބަބުން ވޯޓު ލުމުގެ ހައްގަކަށްވެސް އަދި އެހެންކަމަކަށްވެސް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަކީ ގާނޫނު އަސާސީގެ އޮނިގަނޑަށް އުނިކަމެއް އަންނާނެ ކަމެއް ކަމުގައި ގަބޫލު ނުކުރެވޭކަމަށްވެސް ޝާހީން ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރަންޑަމްއެއް ނަގާއިރު، އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ ވަކީލް އައިކް އަހުމަދު އީސަ އަދި ވަކީލް އިބްރާހިމް ޝިޔާމު ވަނީ މި ވޯޓު ހުއްޓުވުމަށް ހުށަހަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެރުއްވާފައިވާ ގަރާރުގައި ހިމެނޭ ސުވާލަކީ ގާނޫނުއަސާސީއާ ހިލާފު ސުވާލެއް ކަމަށް ދައުވާކުރާ ފަރާތުން ބުނެއެވެ. ނަމަވެސް އެފަދަ ވޯޓެއްގައި އަހަން ޖެހޭނެ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނުވާ ކަމަށް ދައުލަތުގެ ފަރާތުން ވަނީ ކޯޓުގައި ބުނެފައެވެ.

ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ދެކޮޅަށް އިދިކޮޅު އެމްޑީޕީން ކެމްޕެއިން ކުރަމުން އަންނައިރު، ދެ އިންތިހާބު އެއްކޮށް ބޭއްވުމުން އިންތިހާބުގެ ފްރެޝަރަށް ސަރުކާރުގެ މެއިން ފޯކްސް ބަދަލުކުރަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެކަމަށާއި، އިންތިހާބުތައް ދައުރުގެ ގިނަ ދުވަސްތަކެއްގައި ބޭއްވުމުން ދައުލަތުން ނުވަތަ އެއިރެއްގަ އޮންނަ ސަރުކާރަކުން ކުރާ ހޭދަ، އިންތިހާބު ބާއްވާ ދުވަހުގެ އަދަދު މަދުވުމުން ކުޑަވެގެން ދާނެކަމަށް ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަކްރަމް ކަމާލުއްދީން ވަނީ ވިދާޅުވެފައެވެ.