ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލައި، ދެ ދައުރު އެއްކޮށް ނިމި، އެކީގައި ފެށޭގޮތަށް ބަދަލުކުރުމަކީ ދިވެހިރާއްޖެ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ވެއްޓި، ގައުމަށް ކުރިމަތިވާނެ ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ، ޕީއެންއެފް އިން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޗަގޯސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި އެމަނިކުފާނު ވަނީ ސަރުކާރުން ދެ އިންތިޚާބު އެއްކޮށްލުމަށް ކުރަމުންދާ މަސައްކަތްތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާއަކީ އޭގެ ޒާތުގައި މުތުލަގު ބާރެއް އޮންނަ ބޭފުޅެއް ނޫނެވެ. ރައީސް މުއިއްޒު ކުރައްވާ ކޮންމެ ކަމެއް މަޖިލީހުން ބަލައިގަންނަންޖެހޭ ނުވަތަ އެކަމަކާ މެދު މަޖިލީހުން ގޮތެއް ނިންމަންޖެހޭ ކަމަށާއި، ދައުލަތުގެ އެންމެ ބާރުގަދަ ފަރާތަކީ ރައްޔިތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުން ތަމްސީލުކޮށް، ރައްޔިތުންގެ ފަރާތުން މި ހުރިހާ ކަމެއް ނިންމާ ބަޔަކީ ރައްޔިތުންގެ މަޖިލިސް ކަމަށްވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ނެތް ހާލަތެއްގައިވެސް ރައްޔިތުންގެ މަޖިލިސް އޮންނަންޖެހޭނެ ކަމަށާއި، މަޖިލީހުގެ ދައުރު ހުސްނުވެ އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް ނޯންނާނެ ހާލަތެއް މެދުވެރިކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

މިހާރު ކަން އޮތްގޮތުން މަޖިލީހުގެ ދައުރު ހުސްވަމުންދަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހުސްވުމުގެ ކުރިންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލައިފިނަމަ، ދައުރު ނިމެން ދާއިރު ރައީސް ކުރައްވާ ގޯސް ކަންކަމަށް ޖަވާބުދާރީ ކުރުވުމުގެ އެއްވެސް ޝައުގުވެރިކަމެއް މަޖިލިސް މެންބަރުންގެ ނުހުންނާނެ ކަމަށެވެ. ސަބަބަކީ އެ މެންބަރުންގެ ދައުރުވެސް އެއާއެކު ހަމަވާތީ ކަމަށް އެމަނިކުފާނު ތަފްސީލުކޮށްދެއްވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދައުރު ހުސްވެގެން ދާއިރުވެސް މަޖިލިސް އޮންނަންޖެހެނީ، ފަހު ވަގުތާ ހަމައަށްވެސް ރައީސް ކުރައްވާ ކަންކަމަކީ ގާނޫނުގެ ތެރެއިން ރައްޔިތުންގެ މަސްލަހަތަށް ކުރާ ކަމެއްތޯ ބެލުމުގައެވެ. އެއީ ހަމައެކަނި ބާރަކީ މަޖިލިސް ކަމަށްވާތީއެވެ. އަދި އެއީ ފަނޑިޔާރުގެއަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ދެ އިންތިހާބު އެއްކޮށްލުމަކީ ގާނޫނުއަސާސީއާއި ގައުމުގެ މަސްލަހަތު ދަމަހައްޓާނެ ފަރާތެއް ނެތި، މުޅި ނިޒާމު ހުސްކަމެއްގެ ތެރެއަށް ދާނެ ކަމެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.

މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަން ކުރައްވަނީ ރައްޔިތުންނާ އެއްވެސް މަޝްވަރާއެއް ނެތި، އަމިއްލަ އެދުން އިސްކޮށްގެން ކަމަށެވެ. އަދި މިހާރު އޮތް މަޖިލީހުގެ މެންބަރުންވެސް ރައްޔިތުންގެ ޒިންމާ އަދާކުރުމުގެ ބަދަލުގައި ރައްޔިތުންގެ އިހުސާސްތަކަށް ފުރަގަސްދީފައިވާ ކަމަށް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ. އަދި ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަކީ ކޮރަޕްޝަނަށް ވުރެ ބޮޑަށް ފުނޑިފައިވާ ތަނެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަމުން ގެންދެވި ފަދައިން "އަނެއް ދިވެހިރާއްޖެ" ހޯދަން މިހާރު މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިހާރުގެ ހާލަތަށް ބަލާއިރު، އަނެއް ދިވެހިރާއްޖެއަށް މިސްރާބު ޖަހަން ޖެހިފައިވާ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރާއި މަޖިލީހުގެ މެޖޯރިޓީ ދިން ނަމަވެސް ރައްޔިތުންނަށް ލިބުނު ފައިދާއެއް ނެތް ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ ނޫން އެހެން ހުރިހާ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަމަށާއި، ސަރުކާރު ކޯލިޝަނަށް ނޫނެކޭ ބުނުމަށް ރައީސް ޔާމީން ވަނީ ރައްޔިތުންނަށް ގޮވާލައްވާފައެވެ.