ކުޑަކުދިން އެކްސްޕްލޮއިޓްކޮށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ޓީވީއެމްގެ ކުރީގެ ޕްރޮޑިއުސަރެއް ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރިހިދޯދި / ގދ.ފިޔޯރީ، މޫސަލް މުއީން (37އ) ކަމަށެވެ. އޭނައަކީ މީގެ ކުރިން ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ޕްރޮޑިއުސް ކުރަމުންދިޔަ މީހެކެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު މޫސަލް ހައްޔަރުކޮށްފައި ވަނީ ކުޑަކުއްޖަކާ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، ކުއްޖާ ގުރޫމްކޮށް އެކްސްޕްލޮއިޓްކުރުމަށް މަސައްކަތްކުރުމާއި، ކުޑަކުދިންގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ރައްކާކޮށް ގެންގުޅުމާއި ކުޑަކުދިންނާއެކު ޖިންސީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 މާޗު 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކުޑަކުދިންގެ ޕްރޮގްރާމަކަށް ގެންދިޔަ ކުޑަ ކުއްޖަކު ގްރޫމް ކުރަން އުޅުނު މައްސަލައެއްގައެވެ. އަދި އެ މައްސަލަ ފެންމަތިވުމާއެކު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.
ފުލުހުން ބުނީ، ކުޑަކުދިންނާ ގުޅޭ މިފަދަ މަންޒަރުތައް ގެންގުޅުމާއި ފެތުރުން ހިމެނޭހެން، އެ ކުދިންނާ ގުޅުންހުރި އެންމެހައި ކުށުގެ މައްސަލަތަކަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ހާއްސަ އިސްކަމެއް ދީގެން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެ މައްސަލަތަކެއް ކަމަށެވެ.
