އިޒްރޭލާ ބައިވެރި އެމެރިކާއިން އީރާނަށް ދެމުން ގެންދާ ހަމަލާތަކުގެ ރައްދު އީރާނުން ވަރުގައަށް ދެމުން ގެންދަނިކޮށް، ބަލި ގަބޫލު ކުރަން އެމެރިކާއިން އިންޒާރު ދީފިއެވެ.

އެމެރިކާގެ ސަރުކާރުގެ ތަރުޖަމާން ކެރޮލީން ލީވިޓް އީރާނުގެ ވެރިންނަށް އަމާޒު ކުރައްވައި ވިދާޅުވީ، 'ކަލޭމެން ބަލި ގަބޫލު ކުރޭ، ނޫނީ ތީ (އީރާނަކީ) ކަލޭމެންގެ ނަރަކައަށް ޓްރަމްޕް ހައްދަވާނެ' އެވެ.

އިތުރަށް އޭނާ ވަނީ ބަލި ގަބޫލުކުރަން އީރާނަށް އިންޒާރު ދެއްވައި އެކަން ނުކޮށްފި ނަމަ 'މާ ބާރަށް' ޖަހާނެ ކަމަށް ވިދާޅުވެފައެވެ.

އީރާނު ބަލިކޮށްލެވިއްޖެ ކަމަށާއި އިސް ލީޑާޝިޕް އަވަހާރަ ކޮށްލެވިއްޖެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ އެތައް ފަހަރެއްގައި ވިދާޅުވެފައެވެ. އަދި ޑީލެއް ހަދަން އީރާނުން ބޭނުންވާ ކަމަށާއި އެކަމާ ވާހަކަ ދައްކަމުން ދާ ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

އެ ވާހަކަތައް އީރާނުން ދޮގު ކޮށް ބުނެފައިވަނީ އެމެރިކާއިން ހަދަނީ ދޮގު ކަމަށާއި އެމެރިކާގެ ބޭނުމަކަށް ވަނީ ދޮގުހަބަރު ފަތުރައިގެން ހަކަރައިގެ ބާޒާރާއި މާލީ ބާޒާރާ ކުޅެން ކަމަށެވެ.

ޓްރަމްޕް މިއަދު ވިދާޅުވެފައި ވަނީ ޑީލެއް ހަދަން ވާހަކަ ދައްކާ ކަމަށް އީރާނަށް ލަދުން ބުނަން ނުކެރިގެން އުޅެނީ ކަމަށާއި އެމެރިކާގެ ނައިބުރައީސް އާއި ދިފާއީ ވަޒީޒާއި ދަނބިދަރި މަޝްވަރާތަކުގައި އުޅުއްވާ ކަމަށެވެ.

ނަމަވެސް އެއިން އެއްވެސް ކަމެއް ނުހިނގާކަމަށް އީރާނުން ބުނެފައި ވާއިރު، އެމެރިކާއިން ހުށަހަޅާ ކަމެއްވެސް އަދި ދައްކާ ވާހަކައެއްގައިވެސް ނުޖެހޭނެ ކަމަށް އީރާނުން ބުނެއެވެ.

ބަލި ގަބޫލުކުރަން އެމެރިކާއިން އީރާނުގެ ކިބައިން އެދެމުން ގެންދާއިރު އީރާނުން ދަނީ އިޒްރޭލާއި އެމީހުންގެ ބައިވެރިންނާއި އެމެރިކާގެ ފަހުރު ކަމުގައި ބަލައި އަސްކަރީ މަނަވަރުތަކަށް ވެސް ހަމަލާ ދެމުންނެވެ. މިހަމަލާތަކުގެ ތެރެއިން އިޒްރޭލަށް އަމާޒުވާ ހަމަލާތަކުގައި އިޒްރޭލުގެ ތެރެއަށް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު ބައެއް މީހުން މަރުވެ ޒަހަމްވަމުން ދާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ.

އެމެރިކާގެ މަނަވަރު އަބްރަހަމް ލިންކަނަށް އަމާޒު ކޮށްފައި ހަމަލާގައި އެ މަނަވަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބުނު ނަމަވެސް އޮޕަރޭޝަން ނުހުއްޓި ކުރިއަށް ދާކަމަށް ހަބަރުތައް ބުނެއެވެ.

އީރާނާއެކު ޑީލް ހަދަން އެމެރިކާއިން ވަނީ ޕާކިސްތާން މެދުވެރިކޮށް 15 މާއްދާގެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެ ހުށަހެޅުން ގަބޫލު ނުކޮށް އީރާނުން ވަނީ 5 މާއްދާގެ ހުށަހެޅުމެއް ޕާކިސްތާން މެދުވެރިކޮށް ހުށަހަޅާ، ހަނގުރާމަ ހުއްޓަން އެދޭނަމަ އެ ހުށަހެޅުމުގައި ލުބުނާނުވެސް ހިމަނަން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި އެމެރިކާއިން ބުނާހާ ގޮތަކަށް ދީލައި ނުލާނެ ކަމަށާއި ހަނގުރާމަ ހުއްޓާނީ އީރާނުން ބޭނުންވާ މަގުސަދު ހާސިލުވުމުންނާއި އީރާނަށް ފެންނަ ވަގުތެއްގައި ކަމަށް ވެސް ބުނެފައެވެ.