ހުޅުމާލޭގައި ޒުވާނުންނަށް ހާއްސަކޮށްގެން، މާދަމާރޭ ބޮޑު ބާބަކިއުއެއް ބޭއްވުމަށް ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑުން ތައްޔާރުވާން ފަށައިފިއެވެ.

'ބާބަކިއު ޕާޓީ، ޔޫތު ފޯ ޕާލަމެންޓް' ގެ ނަމުގައި ބާއްވާ މި ބާބަކިއު އޮންނާނީ ހުޅުމާލެ 2 ގެ ބާބަކިއު ސަރަހައްދުގައެވެ. މާދަމާ ހަވީރު 17:30 އިން 19:00 އާ ހަމައަށް ބާއްވާ މި ބާބަކިއުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަށް އެ ބޯޑުން ވަނީ އެދިފައެވެ.

މި ބާބިކިއު އާއި ގުޅޭ ގޮތުން ' ދަ ޕްރެސް' އަށް މައުލޫމާތު ދެމުން މި ބޯޑުގެ މެންބަރު ރައްޔާން ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ބާއްވާ އިވެންޓެއް ކަމަށެވެ. އަދި މި ސަރުކާރުން ޒުވާނުންގެ ކަންކަމުގައި ދެމުން ގެންދާ ހާއްސަ އިސްކަން ފާހަގަކުރުމަކީވެސް މި އިވެންޓުގެ މަގްސަދެއްކަމުގައި ރައްޔާން ވިދާޅިވިއެވެ.

މާދަމާރޭ ބާއްވާ މި އިވެންޓުގައި ޔޫތު މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ހުރިހާ ޒުވާނުންނަށް ހުޅުވާލެވިފައިވާ ފުރުސަތެއްކަމުގައި ރައްޔާންވަނީ ފާހަގަކޮށްފައެވެ.

ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒާސް ބޯޑަކީ ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ޒުވާނުންގެ ވިސްނުމާއި އުންމީދުތައް ހިމެނުމަށްޓަކައި އެކުލަވާލާފައިވާ ބޯޑެކެވެ.