އިތުރު 1500 ޓަނުގެ ގޭސް ސްޓޯރޭޖެއް ތަރައްގީ ކުރުމުގެ މަސައްކަތް މާލޭގައި ކުރަމުން ދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީން ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ އެސްޓީއޯއިން ވަނީ އިތުރު 1500 ޓަނުގެ ސްޓޯރޭޖް މާލެ ސަރަހައްދުގައި ތަރައްގީކުރަން ފަށާފައިކަމަށާއި، މިއަހަރު ނިމެންވާއިރަށް އެ ޕްރޮޖެކްޓް ނިމޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވާކަމަށް މިނިސްޓަރު ޒަމީރު ވަނީ ވިދާޅުވެފައެވެ.
މިވަގުތު މާލޭ ސަރަހައްދުގައި އެސްޓީއޯއިން ބޭނުން ކުރަމުންދަނީ 1000 ޓަނުގެ ސްޓޯރޭޖެއް ކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ އިތުރު 1500 ޓަނުގެ ސްޓޯރޭޖާއެކު 2 މަހާއި ބައިގެ ސްޓޮކް ގެންގުޅެވޭނެ ކަމަށެވެ.
މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރުން ތެޔޮ ސަޕްލައި ކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، އެކަށީގެންވާ މިންވަރަށް ތެލުގެ ސްޓޮކު އެބަހުރި ކަމަށާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ދެ ޓޭންކަރަކުން ރާއްޖެއަށް ތެޔޮ ގެނެސްފައިވާ ކަމަށްވެސް ޒަމީރު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން މި ހާލަތުގެ އަސަރު ރާއްޖެ އާއި ދިވެހިންނަށް ކުރާވަރު ވީހާ ވެސް ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާ އެކު، ވަރަށް ހަލުވިކޮށް، ރޭވުންތެރިކަމާ އެކު ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ދާދިފަހުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވަނީ ވިދާޅުވެފައިވެއެވެ.
