ގިނަ އަދަދެއްގެ ވޭޕްއާއި އެއާ ގުޅޭ ސާމާނު ގެންގުޅުނު މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސާއި ހުޅުމާލެ ފޭސް 1 ގެ ސްޕެޝަލް އެންފޯސްމަންޓް ޓީމު ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލެ ފޭސް 1 ގެ ޗަނބޭލީ މަގުން ދެމީހަކު ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އަދި އެތަނުން އެކަކު ގެންގުޅުނު ފޮށިގަނޑެއްގެ ތެރެއިން 106 ވޭޕްއާއި 571 ވޭޕް ކާޓްރިޖު ފެނިފައިވެއިވާ ކަމަށް ވެއެވެ. އޭނާ ބަލައިފާސްކޮށްފައިވަނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

މި މައްސަލައާ ގުޅިގެން ވޭޕް ގެންގުޅުނުކަމުގެ ތުހުމަތުގައި ވޭޕް ގެންގުޅުނު މީހާ 2000 ރުފިޔާއިން ޖޫރިމަނާކުރި ނަމަވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންދާއިރު ވޭޕް ވިޔަފާރި ކުރާ ތުހުމަތުގައިވެސް މީހުން ދަނީ ހައްޔަރުކުރަމުންނެވެ. އެގޮތުން ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް އަދި ގަވާއިދާ ހިލާފަށް ވޭޕް ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު މިދިޔަ ފެބްރުއަރީ މަހު ހައްޔަރުކޮށްފައިވާއިރު ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ވަނީ ޖެނުއަރީ މަހު ދިވެއްސަކު އަތުލައިގެންފައެވެ.

ރާއްޖޭގައި މިބާވަތުގެ އެއްޗެއް ވިއްކައި ނުވަތަ ހިލޭބަހާ ނަމަ އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެއެވެ. އަދި ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ.

މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާ ނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.