ސަރުކާރުން ތައާރަފްކުރާ ޓެކްސީ ލައިންގެ ހިދުމަތަށް ބޭނުންވާ ކާރުތައް ގެންނަން ފަށާފައިވާކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނީ ކާރުގެ ފުރަތަމަ ޝިޕްމަންޓް މި މަހު 23 ވަނަ ދުވަހު ރާއްޖެ އައިސްފައިވާކަމަށާއި، މި ޝިޕްމެންޓުގައި ޖުމްލަ 60 ކާރު ގެނެސްފައިވާކަމަށެވެ. އެއީ ޗަންގަން އޮޓޯމޮބިލް ބްރޭންޑުގެ ކާރުތަކެއްކަން ފާހަގަކޮށް އެމްޓީސީސީން ބުނީ ކާރުގެ ދެވަނަ ޝިޕްމަންޓް މި މަހު 29 ވަނަ ދުވަހު އަންނާނެކަމަށެވެ. މި ޝިޕްމަންޓުގައި 90 ކާރު ގެންނާނެ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
ހުރިހާ ކާރުތައް ރާއްޖެ އައުމާއެކު ޖުމްލަ 150 ކާރާއިއެކު ފުލް ސްކޭލްގައި ހިދުމަތް ފެށިގެން ދާނެކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އެގޮތުން މި ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރީލް 2 ވަނަ ދުވަހުން ފެށިގެންކަމަށްވެސް ވަނީ ބުނެފައެވެ.
މި ޓެކްސީތަކުގެ ހިދުމަތް ދެވޭނީ މިކަމަށް ހާއްސަކޮށް އުފައްދާފައިވާ އެޕެއް މެދުވެރިކޮށްކަމަށާއި، މިކަމުގެ ކަސްޓަމަރުންނަށް ދިމާވާ ދަތިތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހާއްސަ ހޮޓްލައިން ނަންބަރެއް، 1655 ތައާރަފް ކުރެވިގެންދާނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ހިދުމަތް ދިނުމަށްޓަކައި ވަޒީފާއަށް ނަގާފައިވާ ދާއިމީ ޑްރައިވަރުން ހުންނާނީ ޔުނިފޯމްގައިކަމަށާއި، މި ހިދުމަތުގައި ޕާޓްޓައިމް ޑްރައިވަރުންވެސް މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ޕާޓް ޓައިމް ޑްރައިވަރުން ތިބޭނީ ވެސްޓްލައިގެންކަން ފާހަގަކޮށް އެމްޓީސީސީން ބުނީ މިއީ 24 ގަޑިއިރު ކަސްޓަމަރުންނަށް ދެވޭ ހިދުމަތެއް ކަމަށެވެ.
އެމްޓީސީސީން ބުނީ ޓެކްސީގެ ހިދުމަތް ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ ރައްކާތެރި، ހަރުދަނާ އަދި ފެންވަރު ރަނގަޅު އިތުރު ޓެކްސީ ހިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ.
