އެމެރިކާއާއެކު ސުލްހައިގެ އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާކަމަށާއި، މަޝްވަރާ ކުރާކަމަށް ބުނެ ދޮގު ހަބަރު ފަތުރަނީ އެމެރިކާ އަދި އިސްރާއީލަށް ފައިދާއެއް ހޯދުމަށްކަމަށް އިރާންގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޣަލިބާފް ވިދާޅުވެއްޖެއެވެ.
އީރާނުން މިހެން ބުނެފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލެވޭނެ ޑީލަކަށް ދާން އީރާނުގެ އޮފިޝަލުން އެމެރިކާއާ ވާހަކަ ދައްކަމުން ގެންދާ ކަމަށާއި ނަމަވެސް އީރާނުގެ ހުށަހެޅުން އަދި ކަމުނުދާ ކަމަށެވެ.
ނަމަވެސް ޓްރަމްޕްގެ ބަސް ދޮގުކުރައްވާ، ޣަލިބާފް ވިދާޅުވީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުގެންދާކަމަށެވެ. އަދި މިކަމާ ގުޅިގެން އިރާނުގެ ފޮރިން މިނިސްޓްރީންވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެބަޔާނުގައިވެސް އީރާނާ އެމެރިކާ ދެމެދު އެއްވެސް ކަހަލަ މަޝްވަރާއެއް ނުހިނގާކަމަށް ބުނެފައިވެއެވެ.
ޣަލިބާފު ވިދާޅުވީ އީރާނާއި އެމެރިކާއިން މަޝްވަރާ ކުރެއޭ ބުނެ ދައުރުވަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި މިފަދަ ދޮގު ހަބަރު ފެތުރުމުގެ ބޭނުމަކީ މާލީ އަދި ތެލުގެ މާކެޓްތަކަށް ނުފޫޒުފޯރުވައި، އިޒްރޭލާއި އެމެރިކާ މިހާރު ވެއްޓިފައިވާ އަޑިގަނޑުން ސަލާމަތްވާން އެއިން ފައިދާއެއް ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމާ ބެހޭގޮތުން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި އީރާނުން ބޭނުންވަނީ އުދުވާނީ ހަމަލާދިން އަނިޔާވެރިންނަށް ހައްގު އަދަބު ދިނުންކަމަށް އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ވިދާޅުވެފައި ވެއެވެ. އަދި މި މަގްސަދު ހާސިލު ކުރެވެންދެން މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް އީރާނުން ބުނެފައިވެއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ކުއްލި ގޮތަކަށް އީރާނަށް ހަމަލާދިނުމާ ގުޅިގެން، އީރާނުން ވަނީ ބަދަލުހިފުމުގެ ގޮތުން އެތައް ސަތޭކަ ޑްރޯނަކާއި މިސައިލް ހަމަލާތަކެއް ފޮނުވާލާފައެވެ. މި ހަމަލާތައް ހަމައެކަނި އިޒްރޭލަށް އަމާޒުކުރުމުގެ ބަދަލުގައި، އެމެރިކާގެ އަސްކަރީ ވަސީލަތްތައް ހުރި އަވަށްޓެރި އަރަބި ގައުމުތަކަށްވެސް ވަނީ އަމާޒުކޮށްފައެވެ. މީގެ ސަބަބުން ސަރަހައްދީ ހަމަނުޖެހުން ވަނީ ބޮޑުވެފައެވެ.
