ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިގައި ދަތުރުކުރުމުގެ މިނިވަންކަން ފުރިހަމައަށް ނުލިބިއްޖެނަމަ އީރާނުގެ ޕަވާ ޕްލާންޓްތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދީފިއެވެ.

ޓްރަމްޕް ނެރުނު ބަޔާނުގައި ބުނީ 48 ގަޑިއިރުގެ ތެރޭގައި އީރާނުން ހޯރްމޫޒް ކަނޑުއޮޅި ނުހުޅުވިފައިވިނަމަ އެމެރިކާއިން އެމީހުންގެ އެކި ޕަވާ ޕްލާންޓްތަކަށް ހަމަލާދީ ނައްތާލާނެކަމަށެވެ. އަދި މި ހަމަލާތައް ފަށާނީ އިރާންގެ އެންމެ ބޮޑު ޕަވާ ޕްލާންޓުންކަމަށް ޓްރަމްޕް ބުނެފައިވީ ނަމަވެސް އެއީ ކޮން ޕަވާ ޕަލްނާޓެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ޓްރަމްޕްގެ އިންޒާރަށް ފަހު އީރާނުގެ ސިފައިން ބުނީ އީރާނުގެ ތެލާއި ހަކަތަ އިންފްރާސްޓްރަކްޗާއަށް ހަމަލާދީފިނަމަ އެ ސަރަހައްދުގައިވާ އެމެރިކާއަށް ނިސްބަތްވާ ހުރިހާ ހަކަތަ އިންފްރާސްޓްރަކްޗާއެއް ހަލާކުކޮށް ސުންނާފަތިކޮށްލާނެކަމަށެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން، އިރާނުން ވަނީ އޭގެ ބަދަލުހިފުމުގެ ގޮތުން ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާ އާއި އިޒްރޭލަށް ވާގިވެރިވާ ގަލްފުގެ ގައުމުތަކުގެ އުޅަނދުފަހަރަށް ހަމަލާތައް ދޭން ފަށާފައެވެ. އީރާނުން ބުނެފައިވަނީ އެމެރިކާ އާއި އެގައުމުގެ އެކުވެރި ގައުމުތައް ފިޔަވައި އެހެން ގައުމުތަކަށް ހޮރްމޫޒް ހުޅުވާލެވިފައިވާ ކަމަށެވެ.

ދުނިޔޭގެ ބާޒާރަށް ސަޕްލައިކުރާ ތެލާއި ގޭހުގެ 20 އިންސައްތަ ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާއިރު، އިރާނުން އެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑު ލޮޅުމެއް ވަނީ އަރާފައެވެ.