1447 ވަނަ އަހަރުގެ ފިތުރު އީދު ނަމާދަށް މާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ނިންމާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރާ ސަރަޙައްދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކަމަށެވެ. އެގޮތުން ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމާފައިވަނީ އިސްލާމީ މަރުކަރު، ސަލްމާން މިސްކިތް އަދި މާފަންނު ސްޓޭޑިއަމް ހިމެނޭ ސަރަހައްދަށެވެ.

މިކަމާ ގުޅިގެން ފުލުހުން އާންމުކޮށްފައިވާ ޗާޓުގައި ޕާކުކުރުން މަނާކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހުރި އުޅަނދުތައް، މިއަދު މެންދުރުފަހު 15:00 ގެ ކުރިން ނެގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށް މި އިންތިޒާމުތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މައާފަށް އެދިފައެވެ.

މިއަހަރު މާލެ ސަރަހައްދުގެ ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ވަނީ ނިންމާފައެވެ. އެގޮތުން މާލެ، ހުޅުމާލެ ފޭސް 1 އަދި 2 ގެ އިތުރުން ވިލިމާލޭގަވެސް ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުުރުން. މާލެ ސަރަހައްދުގެ ޖުމްލަ 24 މިސްކިތެއްގައި އީދު ނަމާދު ކުރާނެއެވެ.