މިއަދު 'ޕްރެސް ބަދިގެ' ސެގްމެންޓުގައި މި ގެނެސްދެނީ ގިނަ ދިވެހީންނަށް ކަމުދާ ސިނަމަން ރޯލްގެ ބާވަތެއް ކަމަށްވާ 'ސިނަމަން ރޯލް ބައިޓްސް' އެވެ. މިއީ ކުޑަކުދިންގެ ތެރޭގައި ވެސް މަގުބޫލު ފޮނިކާއެއްޗަކަށްވާއިރު ރޯދަ މަހުގެ ސުފުރާމަތި ފަޅު ފިލުވާލަ ދިނުމަށް މިއީ ރަނގަޅު ބާވަތަކަށް ވާނެއެވެ.
ސިނަމަން ރޯލް ބައިޓްސްގެ އެކި ރެސިޕީތައް ހުންނައިރު މިއަދު މި ގެނެސްދެނީ ގޭގައި ހުރި ތަކެތިން ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.
ފުއްގަނޑު ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- 1 ޖޯޑު ފުއް
- 1 ސައިސަމްސާ ބޭކިންގް ޕައުޑާ
- 1/4 ސައިސަމްސާ ލޮނު
- 1/3 ޖޯޑު + 2 ސައިސަމްސާ ފުލް ކްރީމް (ތާފާނާ ކޮށްފައި)
- 1/2 ސައިސަމްސާ ވެނިލާ އެސެންސް
ކޯޓިންއަށް ބޭނުންވާ ތަކެތި:
- 1 މޭޒުމަތީ ސަމްސާ ބަޓަރު (މެލްޓް ކޮށްފައި)
- 3 މޭޒުމަތީ ސަމްސާ ހަކުރު
- 1-2 ސަމްސާ މުގުރި ފޮނިތޮށި
ގްލޭޒްއަށް ބޭނުންވާ ތަކެތި:
- 2 މޭޒުމަތީ ސަމްސާ މުގުރި ހަކުރު
- 1 ސައިސަމްސާ ކިރު
- 1/4 ސައިސަމްސާ ވެނީލާ އެސެންސް
ތައްޔާރު ކުރާނެ ގޮތް:
ތައްޓަކަށް ފުއް، ލޮނު، ބޭކިން ޕައުޑާ އެޅުމަށްފަހު އެއްކޮށްލާށެވެ. އަދި އިތުރު ތައްޓެއްގައި ފުލް ކްރީމް އަދި އެސެންސް އެޅުމަށްފަހު އެއްކޮށްލާނީއެވެ. އަދި ކުރިން ތައްޔާރުކުރި ފުއް ތެރެއަށް އެއްކުރި ފުލްކްރީމް މިލްކް އެޅުމަށްފަހު ރަނގަޅަށް މޮޑެލާނީއެވެ.
އަދި ކުދި ކުދި ގުޅަ ވެށުމަށްފަހު މެލްޓުކޯށްފައި ހުރި ބަޓަރު ކޮޅު އެއްކޮށްލާށެވެ. އަދި އެހެން ތައްޓަކަށް ހަކުރު އަދި ފޮނި ތޮށި އަޅާ އެއްކުރުމަށްފަހު ކުރިން ބަޓަރު އުނގުޅު ފުއް ގުޅަތަކާއި އެއްކޮށްލާށެވެ. އަދި ޓްރޭއެއްގައި އަތުރާލުމަށްފަހު 6-8 މިނެޓު ވަންދެން ފިހެލާނީއެވެ. އަދި ގްލޭޒް އަށް ބޭނުންވާ ތަކެތި އެއްކޮށްލުމަށްފަހު ސިނަމަން ބައިޓްގެ މައްޗަށް އޮއްސާލާނީއެވެ.
