ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާއެކު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ހޭލުންތެރިކުރަން ކަމަށް ބުނެ ޕީއެސްއެމްއިން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ހަމަ ހަމަ ފުރުސަތު ނުދޭ ކަމަށް ބުނެ އެމްޑީޕީން ތުހުމަތު ތަކެއް ކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްޑީޕީގެ އިސްވެރިން މިއަދު ވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަކީބު (ޝަކިއްބެ) ބައްދަލުކުރުމަށް އެ އޮފީސް ހިންގާ އިމާރާތަށް އެއްވެ އިހުތިޖާޖުވެސް ކޮށްފައެވެ.
އެމްޑީޕީން ވަނީ ރައްޔިތުންނަށް ކަމުގެ ދެކޮޅު ސާފުކޮށްދިނުމަށް ގޮވާލާފައެވެ. އަދި މިކަމާ ގުޅިގެން ޕީއެސްއެމްގެ އެމްޑީއާ ބައްދަލު ކުރަން އެދި އިއްޔެ އެމްޑީޕީން ސިޓީއެއް ފޮނުވާފައިވާކަމަށާއި، އެ ސިޓީގެ ޖަވާބު މިހާތަނަށް ލިބިފައި ނުވާ ކަމަށް އެ ޕާޓީން ބުނެއެވެ. ޕީއެސްއެމްއަށް އެމްޑީޕީ މެންބަރުން ގޮސް އެ ފަރާތްތަކުން ވަނީ ޝަކިއްބެގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.
އެމްޑީޕީގެ މި ތުހުމަތުތަކާއި ގުޅިގެން އެކަމަށް ރައްދުދީ ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މީޑިއާގެ އެމްޑީއާއި ބައްދަލުކުރެއްވުމަށް މިއަދު 13:00 ގައި އެމްޑީޕީގެ ބޭފުޅުން ވަޑައިގަންނަވާނެ ކަމަށް ރޭގެ ވަގުތެއްގައި ސިޓީ އަކުން އަންގާފައިވާކަމަށެވެ. އަދި މި ސިޓީއަށް ޕީއެސްއެމް އިން ޖަވާބު ދެއްވާފައިވާކަން ހާމަކޮށް އެ މީޑިއާއިން ބުނީ ސިޓީގެ ޖަވާބުގައި އެމްޑީ މިވަގުތު ހުންނެވީ އުމްރާއަށް ސައުދި އަރަބިއްޔާއަށް ވަޑައިގެންކަމަށާއި ރަށުގައި ނޫޅުއްވާކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.
މީގެއިތުރުން ހިޔާލް ހޯދުމުގެ ވޯޓާ ގުޅިގެން އެ މީޑިއާއިން ބުނީ މިކަމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގެނެސްދޭ ޕްރޮގްރާމަކީ ފަންނީ އަދި އިޖުރާއީ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ފަރުމާ ކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގައި މިވަގުތު ސިޔާސީ ޕާޓީތަކަށް އިސްކަން ދިނުމުގެ ބަދަލުގައި އެ މީޑިއާއިން އިސްކަން ދެނީ ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން އަދާކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުންގެ މެދުވެރިކޮށް މައުލޫމާތު ދިނުމަށްކަމަށްވެސް އެ މީޑިއާއިން ވަނީ ބުނެފައެވެ.
އިތުރަށް ޕީއެސްއެމް އިން ބުނީ އެ މީޑިއާއިން އަބަދުވެސް މަސައްކަތް ކުރަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވަކި ފަރާތަކަށް ނުޖެހި މިނިވަންކަމާއެކު ރައްޔިތުންނަށް ތެދު މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި އެމްޑީޕީން ވެރިކަމުގައި އޮތް އިރުވެސް ޕީއެސްއެމް އިން ހަމަ އެގޮތަށް ދެމިއޮތް ކަމުގައި އެ މީޑިއާއިން ވަނީ ބުނެފައެވެ.
