މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ އަސަރުތައް ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޓްރާންޕޯޓް މިނިސްޓްރީން މިފަދައިން ބުނެފައި ވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެގޮތުން އެ ބަޔާނުގައި ބުނީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް، ޚާއްސަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން އެ މިނިސްޓްރީން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން އެ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ގެންދަނީ މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ. އަދި މިނިސްޓްރީގެ އެންމެ އިސް އަމާޒަކީ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ކުރިއަށްދަނީ ތާވަލާ އެއްގޮތަށެވެ

އަދި ހަމަ އެހެންމެ މި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިތުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ފްލައިޓްތައް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައި ވަނީ އިޒްރޭލާއި، އެމެރިކާއިން އީރާނަށް ހަމަލާ ދޭން ފެށުމުންނެވެ. އިރާނުގެ ތެހެރާނަށް ދިން ހަމަލާ އަމާޒުކޮށްފައި ވަނީ ރައީސް އޮފީހާއި ގައުމީ ސަލާމަތީ ކަންކަމާ ބެހޭ އޮފީސްތައް ހުންނަ ޕާސްޗަ ސްޓްރީޓްގެ އިތުރުން ސުޕްރީމް ލީޑަރުގެ ކޮމްޕައުންޑާއި އަދި އެސެމްބްލީ އޮފް އެކްސްޕާޓްސް ކައިރިއަށެވެ.

މި ހަމަލާ އާއެކު އިޒްރޭލުން އިރާނާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާ އިރު، އިޒްރޭލުން ވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. އަދި މުޅި އިޒްރޭލުގައި ސައިރަން އަޅާފައިވާއިރު އިޒްރާލުން މިހާރު ވަނީ ފަލަސްތީނުގެ ވައިގެ ސަރަހައްދު ވެސް ބަންދުކޮށްފައެވެ.

އެހެންވެ، ރާއްޖޭގައި މިވަގުތު 1،400 އެއްހާ ފަތުރުވެރިން ނުފުރިފައި އެބަ ތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ރޭ ވިދާޅުވެފައިވެއެވެ.