ޗާގޯސް މައްސަލައިގައި އުފެދިފައިވާ ހިލާފުތަކާ ގުޅިގެން ރާއްޖެއާ އެކު ހާރިޖީ ގުޅުން ސަސްޕެންޑް ކުރަން މޮރިޝަސްގެ ސަރުކާރުން މިއަދު ނިންމައިފިއެވެ.
މިގޮތަށް ނިންމާފައި ވަނީ މޮރިޝަސްގެ ވަޒީރުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. އެ ނިންމުމުގެ ތެރޭގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، ޗާގޯސްގެ ޖަޒީރާގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ކަމަށް ރާއްޖޭން ގަބޫލުކުރަން މިހާރު ދެކޮޅު ހަދޭފައިވާ ކަމަށާއި އިނގިރޭސި ސަރުކާރާއެކު އެކުލަވާލަން މަސައްކަތް ކުރާ އެއްބަސްވުމަށް ވެސް ރާއްޖޭން އިއުތިރާޒުކުރާކަން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން މި ވަގުތުން ފެށިގެން ރާއްޖެ އާއެކު އޮތް ހާރިޖީ ގުޅުން ސަސްޕެންޑުކުރުމަށް މޮރިޝަސް ކެބިނެޓުން ނިންމާފައިވާ ކަމަށް މޮރިޝަސްގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފައި ވެއެވެ.
ޗާގޯސް އިން މި ނިންމުން ނިންމާފައިވާއިރު މިކަމާ ގުޅިގެން އަދި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަން ބޭއްވި ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ޗާގޯސްގެ މައްސަލާގައި ކުރީގެ ރައީސް ސޯލިހް ފޮނުއްވި ސިޓީފުޅާ ގުޅިގެން ރާއްޖޭގެ ސިޔާސަތީ ސަރަހައްދުގެ ރައްކާތެރިކަމަށް ނޭދެވޭ އަސަރުކޮށްފައިވާތީ ބައިނަލްއަގްވާމީ މާހިރުންގެ ލަފާއާއެކު އެ ސިޓީ އަނބުރާ ގެންނަން ދިވެހި ސަރުކާރުން އެދިފައިވާ ކަމަށެވެ.
ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް ބުނެ ދާދިފަހުން އިނގިރޭސިވިލާތުން ވަނީ ވަރުގަދަ ރައްދެއް ވެސް ދީފައެވެ. އެގޮތުން ޗާގޯސްގެ ސިޔާދަތާ ގުޅޭ ގޮތުން ސުވާލު އުފެދިފައި ވަނީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުކަން ތަފާތު ކޯޓުތަކާއި އިދާރާތަކުގެ ނިންމުންތަކުން ސާފުވާ ކަމަށް ތުރުކީގެ އަނަދުލު ނޫސް އޭޖެންސީން އިނގިރޭސިވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން އެ ގައުމުން ބުނެފައި ވެއެވެ.
މޮރިޝަސް އަށް ޗާގޯސް ދޭން މިދިޔަ އަހަރު މެއި މަހު ސޮއިކުރި އެއްބަސްވުން ތަންފީޒުކުރުމާ ބެހޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ދަނީ ކުރިއަށެވެ. އެކަމަކު، ސްޓްރެޓީޖިކް ގޮތުން ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު ކުރިއަށް އޮތް 99 އަހަރަށް ބޭނުންކުރުމުގެ ފުރުސަތު އެމެރިކާއަށާއި އިނގިރޭސިވިލާތަށް އޮންނާނެއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފަށާނީ ދެ ގައުމުގެ އެތެރޭގެ ގާނޫނީ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހުއެވެ.
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.
އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ.
