ރޯދަ މަހު ގޭގޭގައި ސުފުރާމަތިން ސައިޑް ޑިޝްގެ ބާވަތްތައް ބޭނުންވާ މީހުން ގިނައެވެ. ރޮށި ނުވަތަ ފަރާޓާ ފަދަ އެއްޗެއް ޖައްސާލައިގެން ކާލަން މީރު ކުޅި ބާވަތެއްގެ އެއްޗެއް ހުންނަން ބޭނުންވާ މީހުން މަދެއް ނުވާނެއެވެ. އެގޮތުން ކުކުޅުން ތައްޔާރު ކުރާ މިފަދަ ބާވަތްތަކަށް ލޯބި ކުރާ ފަރާތްތަކަށް މިއަދު "ޕްރެސް ބަދިގެ" އިން މި ގެނެސްދެނީ ވަރަށް ކަމުދާނެ ފަސޭހައިން ތައްޔާރުކޮށްލެވޭނެ ރެސިޕީއެކެވެ.

ޑެވިލްޑް ޗިކަން އަކީ ކުޅިކޮށް ކާލަން ވަރަށް މީރު، އަދި ބަތް ނުވަތަ ރޮށްޓާއެކުވެސް ކާން އަނަގަޔަށް މީރު ކުޅުދިޔާވާ ކަހަލަ ޑިޝްއެކެވެ. ޑެވިލް ޗިކަން ތައްޔާރު ކުރަން ބޭނުންވާ ތަކެއްޗަށް ބަލާއިރު މިއީ ބަދިގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ ތަކެތި ބޭނުން ކޮށްގެން ފަސޭހައިން ތައްޔާރުކޮށްލެވޭ ރެސިޕީއެކެވެ.

ބޭނުންވާ ތަކެތި:

  • 500 ގްރާމް ކުކުޅު (ކުދިކޮށް ކޮށާފައި)
  • 2 ފިޔާ (ބޮޑެތިކޮށް ކޮށާފައި)
  • 2 ކެޕްސިކަމް (ބޮޑެތިކޮށް ކޮށާފައި)
  • 2 މޭޒުމަތީ ސަމުސާ އިނގުރު
  • ލޮނުމެދު ޕޭސްޓް
  • 3 މޭޒުމަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
  • 2 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
  • 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
  • 1 ސައިސަމުސާ މުގުރި މިރުސް (ނުވަތަ ރަހަލާވަރަށް)
  • ½ ސައިސަމުސާ އަސޭމިރުސް
  • ކުޑަ ފުށްކޮޅެއް (ކުކުޅުގައި ހޭކުމަށް)
  • ރަހަލާވަރަށް ލޮނު
  • ތެޔޮ

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ކޮށާފައި ހުރި ކުކުޅުކޮޅުގައި ލޮނު، އަސޭމިރުސް އަދި ކުޑަ ފުށްކޮޅެއް ހާކާލާށެވެ. އެއަށްފަހު ތަވައެއްގައި ތެޔޮކޮޅެއް ހޫނުކޮށް ކުކުޅުކޮޅު ރަތް ވަންދެން ތަޅާލާފައި ނަގާށެވެ. މަސްގަނޑު ކެއްކުމަށް ތަވައިގައި ހުރި ތެޔޮކޮޅުގެ ތެރެއަށް އިނގުރު ލޮނުމެދު ޕޭސްޓް އަޅައި މީރުކޮށްލާށެވެ. އެއަށްފަހު ކޮށާފައި ހުރި ފިޔާ އަދި ކެޕްސިކަމް އަޅައި، ކުޑަކޮށް މަޑުވަންދެން ކައްކާށެވެ. (މާބޮޑަށް މަޑުވިޔަ ނުދޭށެވެ).

ދެން އޭގެ ތެރެއަށް ޓޮމާޓޯ ކެޗަޕް، ޗިލީ ސޯސް، ސޯޔާ ސޯސް އަދި މުގުރި މިރުސް އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ސޯސްގަނޑު ކެކެން ފެށުމުން ކުރިން ތަޅާފައި ހުރި ކުކުޅުކޮޅު އޭގެ ތެރެއަށް އަޅާ ހުރިހާ މަސްތަކެއްގައި ސޯސް ހޭކޭނޭހެން ރަނގަޅަށް އެއްކޮށްލާށެވެ.

އެއަށްފަހު މަޑު ގިނީގައި 2 މިނެޓުވަރު ކައްކާލުމަށްފަހު އުނދުން ނިވާލާށެވެ. މިހާރު މިވަނީ މީރު ކުޅި ޑެވިލްޑް ޗިކަން ތައްޔާރުކޮށް ނިމިފައެވެ.