ހަކުރަކީ ތަފާތު ކާނާގެ ބާވަތްތައް ތައްޔާރު ކުރުމުގައި ބޭނުންކުރާ މުހިންމު އިންގްރީޑިއެންޓެއް ނަމަވެސް މާ ގިނައިން ހަކުރު ބޭނުން ކުރުމަކީ ހަކުރު ބައްޔާއި ކިޑްނީ ބަލި އަދި އެ ނޫންވެސް ސިއްހީ އެތައް މައްސަލަތަކެއް ކުރިމަތިވެދާނެ ނުރައްކާތެރި ކަމެކެވެ. ނަމަވެސް ހަކުރަކީ ދިވެހީންގެ ތެރޭގައި ވެސް އާންމު ބާވަތަކަށްވާއިރު ހަކުރުގެ އެތައް ބާވަތެއް އެކުލެވޭކަން އިނގެނީ ކިތައް ކިޔުންތެރިންނަށް ބާއެވެ؟
އާންމުގޮތެއްގައި ދިވެހީންގެ ތެރޭގައި ބޭނުން ކުރަނީ "ގްރެނިއުލޭޓެޑް ޝުގާ" (ވައިޓް ޝުގާ) އަދި ބްރައުން ޝުގާ ނަމަވެސް ހަކުރުގެ އެތައް ބާވަތެއް ހުރެއެވެ. އޭގެ ތެރޭގައި ސޭންޑިންގް ޝުގާ، ޑާކް ބްރައުން ޝުގާ، ޓާބިނާޑޯ ޝުގާ، ކާސްޓާ ޝުގާ، މަސްކޮވާޑޯ ޝުގާ، އަދި ޑެމެރަރާ ޝުގާގެ އިތުރުން ޕައުޑާޑް ޝުގާ ހިމެނެއެވެ. މިއީ މަދު ބާވަތްތަކެއް ނަމަވެސް މީގެ އިތުރުން ވެސް ހަކުރުގެ އެތައް ބާވަތެއް ހިމެނެއެވެ.
އެކަމަކު މި ލިޔުމުގައި އަލިއަޅުވާލަން މިއުޅެނީ ދިވެހީންގެ ތެރޭގައި އާންމު ގޮތެއްގައި ބޭނުންކުރާ ދެ ވައްތަރުގެ ހަކުރު ކަމަށްވާ ވައިޓް ޝުގާއާއި ބްރައުން ޝުގާގެ ތަފާތަށެވެ. ބައެއް މީހުންނަށް އެނގިފައިވާ ގޮތުގައި އާދައިގެ ހުދު ހަކުރަށްވުރެ ބްރައުން ޝުގާ ސިއްހަތަށް ފައިދާ ކުރެއެވެ. ނަމަވެސް އެއީ މުޅިން ރަނގަޅު މައުލޫމާތެއް ނޫނެވެ. ބްރައުން ޝުގާ އަކީ ވައިޓް ޝުގާއެކޭ އެއް މިންވަރަކަށް ސިއްހަތަށް ގެއްލުންހުރި އެއްޗެކެވެ. އޭގެ ތަފްސީލަކަށް ދަމާ ހެއްޔެވެ.
ހަކުރުގެ ބާވަތްތައް އުފައްދަނީ އުއްދަނޑި އާއި ޝުގާ ރޫޓް އިންނެވެ. އުއްދަނޑިއާއި ޝުގާ ރޫޓްގެ އެކި ބާވަތްތަކުގައި ރައްކާކޮށްފައި ހުންނަ ހަކުރު ނަގަނީ އެތައް ފިލްޓާ އެއް ބޭނުންކޮށްގެންނެވެ. އަދި މިގަސްތަކުން ނެގޭ ހަކުރު ތައްޔާރުކުރުމުގައި ތަފާތު އެކި ޕްރޮސެސްތަކުން އެކި ވައްތަރުގެ ހަކުރު އުފައްދައެވެ.
ބްރައުން ޝުގާއާއި ވައިޓް ޝުގާގެ ތަފާތަކީ ކޮބާ؟
މި ދެ ބާވަތުގެ ހަކުރު ތަފާތަކީ އޭގައި މޮލާސަސް ހިމެނޭ މިންވަރެވެ. މޮލާސަސް އަކީ ހަކުރު އުފެއްދުމުގައި އުއްދަނޑިން ނުވަތަ ހަކުރު އުފައްދާ އެއްޗަކުން ނެގޭ މާއްދާއެކެވެ. މިމާއްދާ އަލުން ހަކުރު އުފެއްދުމުގައި ބޭނުންކުރަނީ އެއުފައްދާ ހަކުރުގައި ފޮނި ރަހަ ހުންނަ މިންވަރު ކަނޑައަޅައި އެމިންވަރަކަށެވެ. ބްރައުން ޝުގާ ވައިޓް ޝުގާ އާއި ތަފާތުވަނީ އާދައިގެ ހަކުރުގައި މޮލާސަސް ނުހިމެނޭތީއެވެ. ބްރައުން ޝުގާ ގައި ހުންނަ ކުލައާއި ތެތްކަން އަންނަނީ ހަކުރު ތައްޔާރުކުރުމުގައި މި މާއްދާ އިތުރު ކުރެވިގެން ދާތީއެވެ.
ބްރައުން ޝުގާ އާއި ވައިޓް ޝުގާ ބޭނުން ކުރެވިދާނެ ގޮތްތައް:
ބްރައުން ޝުގާ ބޭނުންކުރުމަށް އެކަމުގެ މާހިރުން ލަފާ ދެނީ މުއްސަނދި ރަހަ ޕްރޮފައިލްތައް ހުންނަ ކާނާގައި ބޭނުން ކުރުމަށެވެ. އޭގެ ތެރޭގައި ބާބަކިއު ސޯސް އާއި ތަފާތު ފްލޭވަރތަކުގެ ޕާނާއި ސްޕައިސް ކޭކް ފަދަ ތަފާތު ގަދަ ރަހަތައް ހުންނަ ކާއެއްޗިހި ހިމެނެއެވެ. އަދި ފޮނި ރަހައިގެ އިތުރުން ގަދަ އިތުރު ރަހައެއް ނުހުންނަ ކާއެއްޗިހި ތައްޔާރުކުރުމުގައި އާދައިގެ ހަކުރު ބޭނުންކުރެވިދާނެ ކަމަށް އެކަމުގެ މާހިރުން ލަފާ ދީފައި ވެއެވެ.
ނަމަވެސް ސިއްހީ މާހިރެއްގެ ނަޒަރުން ބަލާނަމަ ބްރައުން ޝުގާއަށް ވުރެ ހުދު ހަކުރު ބޭނުންކުރުމުން ނުވަތަ އެއާއި ހިލާފަށްވެސް ފައިދާއެއް ނެތެވެ. އަދި ހުރިހާ ވައްތަރެއްގެ ގުދުރަތީ މާއްދާތަކުން އުފެއްދޭ ހަކުރެއްގައިވެސް ނިއުޓްރިޝަނިސްޓެއްގެ ނަޒަރުން ބަލާއިރު ނިސްބަތުން ހުންނަނީ ގާތްގަނޑަކަށް، 1 ސައި ސަމްސަލުގައި 15 ކެލޮރީއެވެ.
އެހެންކަމުން ބްރައުން ޝުގާއާއި ވައިޓް ޝުގާގެ އެއްވެސް ތަފާތެއް ނެތެވެ. އުންމީދަކީ މި ގެެނެސްދިން މައުލޫމާތިގެ އަލީގައި ހަކުރު ބޭނުންކުރުން ވީހާވެސް މަދުކޮށް ކަސްރަތު ކުރުން އިތުރުކޮށް ރަނގަޅު ސިއްހަތެއްގައި ދެމިހުރުމަށް މަސައްކަތް ކުރުމެވެ.
ހާއްސަކޮށް ހަކުރު ބަލި ފަދަ ބަލިތައް ތަހައްމަލު ކުރާ މީހުން ކަސްރަތު ކުރުމަކީ ވަރަށް މުހިނމު ކަމެކެވެ. އަދި ގަވާއިދުން ކަސްރަތު ކުރަމުން ގެންދާނަމަ، ލޭގެތެރޭގައި ހުންނަ ގުލްކޯޒު މަސްގަނޑުތެރެއަށް ނަގައިގަނެއެވެ. އަދި ކަސްރަތުކުރުމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް މި ގުލްކޯޒު ބޭނުން ކުރެވެއެވެ. އެ ހެންވުމުން ލޭގައި ގުލްކޯޒު ޖަމާވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ. ނަތީޖާއަކަށްވާނީ ލޭގައި ގުލްކޯޒުގެ މިންވަރު އިތުރުވުމަށް ހުރަސް އެޅުމެވެ. އަދި ހަށިގަނޑުގެ ބަރުދަންވެސް ކޮންޓްރޯލްވުމެވެ.
