އައްޑޫ ސިޓީގައި ޑެންގޫ ހުން ފެތުރުން އިތުރުވަމުން ދާތީ ސަމާލުވުމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން އަންގައިފިއެވެ.

އޭއީއެޗް އިން ބުނީ މި ވަގުތު އެންމެ ގިނައިން ޑެންގީ ކޭސްތައް ފެންނަނީ ހިތަދޫ އާއި ފޭދޫން ކަމަށެވެ. އެގޮތުން ފޭދޫގައި ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނަ ކަމަށް އޭއީއެޗް އިން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީގައި މި އަހަރުގެ މިހާތަނަށް ޑެންގޫގެ 99 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އެ ގޮތުން ޖެނުއަރީ މަހު 51 ކޭސް ރިޕޯޓުކޮށްފައި ވާއިރު މި މަހު މިހާތަނަށް 48 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

މި ދުވަސްވަރު ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ވަނީ ޑެންގޫ ފެތުރޭ މިންވަރު މަދު ކުރުމަށް ފަތިސް ގަޑީގައި އަދި ހަވީރު އިރުއޮއްސޭ ވަގުތުގައި ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެދިފައެވެ. އަދި ފެން ހަރުލާފަދަ ހުސްފުޅި ނުވަތަ ދަޅުފަދަ ފެދަ ތަކެތި ގޯތިތެރެ އާއި މަގުމައްޗަށް އުކާނުލުމަށް ވަނީ އެދިފައެވެ.

އަދި ހަމައެހެންމެ މަދިރިން ރައްކާތެރިވުމަށްޓަކައި ހަށިގަނޑު ރަނގަޅަށް ނިވައިވާގޮތަށް ހެދުން އެޅުމައް ސަމާލުކަމެއް ދޭންޖެހެއެވެ. މަދިރި ލޯޝަނާއި ސްޕްރޭ އަދި މޮސްކިޓޯ ރެޕަލެންޓު ބޭނުން ކުރުމަށް އެޗްޕީއޭ އިން ވަނީ ލަފާ ދެއްވާފައެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި، ހުން އައުމާއި، ބޮލުގައި ރިއްސުމާއި، ލޮލުގައި ރިއްސުމާއި، ހަމުގައި ކުދި ރަތް ބިހިތަކެއް ނެގުން ހިމެނެއެވެ. މި ބަލީގެ އަލާމާތްތައް ފެންނަން ފަށަނީ ވައިރަސް އެކުލެވޭ މަދިރި ހަފާތާ 3-7 ދުވަސް ތެރޭގައެވެ.