ވިލިމާލޭގައި ބޭނުންކުރަން ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ.

ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ހިދުމަތް ތައާރަފުކުރުމަށް، ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަމުން އަންނަކަމެވެ. އެ ހިދުމަތް ފެށުމަށް 9 ބާގީއެއް ހޯދަމުން އަންނައިރު ސިޓީ ކައުންސިލުން ހޯދަމުން އަންނަނީ 11 ސީޓުގެ 4 ބަގީ، 8 ސީޓުގެ 3 ބަގީ، އަދި ދެ ކާގޯ ބަގީއެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ މި ފަހަރު ހޯދަމުންދަނީ ބެޓެރީ ލައިފް ގިނަ ވަގުތު ހިފެހެއްޓޭނެ ވެހިކަލްތަކެއް ކަމަށާއި އެ ބަގީތަކަކީ lvtong ބްރޭންޑުގެ ބަގީ އަށް ވާންޖެހޭނެ ކަމަށެވެ. އަދި ވެހިކަލްތައް ގެންނައިރު ސިޓީ ކައުންސިލުގެ ލޯގޯ ވެހިކަލްގައި ހުންނަންޖެހޭނެ ކަމަށާއި ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން އެއް އަހަރަށް ސްޕެއާ ޕާޓްސް ލިބޭނެ އިންތިޒާމު ހަމަޖައްސަންޖެހޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މާލެ ސިޓި ކައުންސިލުން ބުނީ ބިޑު ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 26 ގައި މައުލޫމާތު ސާފުކުރުން މާލެ ސިޓީ ކައުންސިލް ހޯލުގައި ކުރިއަށް ދާނެ ކަމަށާއި އަދި އަގު ހުށަހެޅުމުގެ ފުރުސަތު މާޗު 5 ވަނަ ދުވަހުގެ 11:30އަށް އޮންނާނެކަމަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރުވެސް 10 ބަގީ ގެނެސްގެން މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ވަނީ ފަށާފައެވެ. އޭރު ބަގީގެ ހިދުމަތް ދޭން ހަވާލުކުރީ ޕިންކް ސްކައި މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ. އެހެންނަމަވެސް މި ހިދުމަތް ފެށިގެން މާ ގިނަ ދުވަހެއް ނުވެ ބަގީގެ ހިދުމަތް ވަނީ ހުއްޓާލާފައެވެ.