ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހު ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓޭނެހެން ކަންކަން އިންތިޒާމު ކުރެއްވުމަށް މިނިސްޓަރީ އޮފް ސިޓީސް، ލޯކަލް ގަވަރަމަންޓް އެންޑް ޕަބްލިކް ވާކްސް އާދަމް ޝަރީފު އުމަރު އިލްތިމާސްކުރައްވައިފިއެވެ.

މިނިސްޓަރު 'އެކްސް'ގައި ހިއްސާކުރެއްވި ބަޔާނުގައި ވަނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، ބަރަކާތްތެރި ރަމަޟާން މަހު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދިނުމުގައި، ރާއްޖޭގައި އޮންނަ އިސްލާމީ ރިވެތި އާދަކާދަތަކަށް އިހްތިރާމް ކުރުމަށް އެދިފައެވެ. އަދި ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާ، އަދި އިސްލާމްދީނަށް ދިވެހިންކުރާ އިހުތިރާމާ، ގަދަރާއި އިސްލާމީ ވަހުދަތު ދެމެހެއްޓުމަށް ބާރު ލިބޭނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ގޮތުން، މީހުން ދިރިއުޅޭ ރަށްރަށުގައި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކެއިންބުއިމުގެ ހިދުމަތް ދޭއިރު އާންމުންނަށް ނުފެންނާނެ ފަދަ އިންތިޒާމެއްގެ ދަށުން އެ ހިދުމަތް ދިނުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން މަގުތަކާއި، އާންމު ތަންތަނުގައި، ރަމަޟާން މަހުގެ ހުރުމަތް ނުކެނޑޭގޮތަކަށް، ފަތުރުވެރިންގެ އަމަލުތައް ބެހެއްޓުމަށް ބާރު އަޅައި ދިނުމަށާއި، އަދި ރަމަޟާން މަހު މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިންގެ އަމަލުތައް ބަހައްޓަންޖެހޭނެ ގޮތުގެ މައުލޫމާތު ފަތުރުވެރިންނަށް ހިއްސާކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.