ޗައިނާގެ އާ އަހަރުގެ އުފާވެރި މުނާސަބަތާ ގުޅިގެން، އެ ގައުމުގެ ލީޑަޝިޕަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހުލާސްތެރި ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި، ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ކިއަންގްގެ އިތުރުން ޗައިނާ ސަރުކާރަށާއި އެކުވެރި ރައްޔިތުންނަށް މި މުނާސަބަތުގެ ތަހުނިޔާ ދަންނަވާފައެވެ.

ރައީސްގެ އެ މެސެޖުގައި ޗައިނާއިން ފާއިތުވި އަހަރުތަކުގައި ހޯދާފައިވާ އާދަޔާ ހިލާފު ކުރިއެރުންތަކަށް ތައުރީފު ކުރެއްވިއެވެ. އަދި ޗައިނާގެ ރައްޔިތުންނަށް ކުރިއަށް އޮތް ތަނުގައިވެސް އިތުރު އުޖާލާ ދުވަސްތަކަކަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ބަދަހި ރަހުމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި މި ގުޅުން އިތުރަށް ކުރިލާ ތަރައްގީވަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު، މިފަދަ މުނާސަބަތުތަކުގައި ދެ ގައުމުގެ މެދުގައި އޮންނަ ގާތް ގުޅުން ރައީސް އަބަދުވެސް ފާހަގަކުރައްވައެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 1972ވަނަ އަހަރުއެވެ. ރައީސް ވަނީ ކުރިއަށް އޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެކި ފަހަރު މަތިން ދެއްވާފައެވެ.