ކޮންމެ ރޯދަމަހެކޭ އެއްފަދައިން މި އަހަރުގެ ރޯދަމަހު ވެސް، އުރީދޫގެ ކަސްޓަމަރުންނަށް ގިނަ ހަދިޔާތަކާއި އެކި އޮފާތައް ލިބޭ ޕްރޮމޯޝަންތަކެއް އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން "ކަރާ ފެޅުން" ނަމުގައި ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ކަރާގައި ޓެޕްކޮށް، އެ ކަރާ ފަޅާލައިގެން ކޮންމެ ދުވަހަކު ވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު އެކްޓިވް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

މި ޕްރޮމޯޝަންއާ ގުޅޭ ގޮތުން ބޭއްވި ހާއްސަ ނުސްވެރިންގެ ބައްދަލުވުމުގައި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، މިފަދަ ގޭމްގެ ބޭނުމަކީ ގޭމު މެދުވެރިކޮށް އެކަކު އަނެކަކާ އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އުފާވެރި ރޯދަމަހަކަށް ވެގެންދާނެ ކަމަށެވެ. މިއަހަރުގެ އެންމެ ބޮޑު އިނާމަކަށް ލިބެނީ، އެއް ލައްކަ ރުފިޔާގެ ކްރިއޭޓާ ބަންޑަލްއެކެވެ. އެ ޕެކޭޖުގެ ތެރޭގައި ހިމެނެނީ، އައިފޯން 17 ޕްރޯ، މެކްބުކް، އައިޕެޑް، ޑްރޯން، އޮސްމޯ ޕޮކެޓް ކްރިއޭޓާ އެކެވެ.

މީގެ އިތުރުން، ކަރާ ފަޅާ ކޮންމެ ކަސްޓަމަރަކަށްވެސް ކޮންމެވެސް ކަހަލަ އިނާމެއް ލިބޭނެއެވެ. އޭގެ ތެރޭގައި މިދިޔަ އަހަރު ވެސް ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު 1ޖީބީ (4 ގަޑިއިރަށް) ފަދަ ޑޭޓާ އިނާމުތައް ހިމެނޭ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އުރީދޫ "ކަރާފެޅުން" ޕްރޮމޯޝަން، އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު

މި ފަހަރުގެ ގޭމްގައި އެންމެ ހާއްސަ ކަމަކަށް ނިޔާޒު ފާހަގަކުރެއްވީ، 'ކަރާ ކުއެސްޓް' ނުވަތަ މެޕުން ދައްކާ ކޮންމެ ތަނަކަށް ގޮސްގެން ކަރާ ފެޅުމެވެ. އެގޮތުން މިއަހަރުގެ ގޭމް ފަރުމާކޮށްފައިވަނީ އާއިލާ އާއި ރައްޓެހިންނާއެކު ބައިވެރިވެވޭ ގޮތަށް "ޓީމް" ބޭސްޑް ކޮށްގެން ކަމަށް ވެއެވެ. އުރީދޫ އެޕްލިކޭޝަން މެދުވެރިކޮށް ކުރިއަށް ގެންދާ މި ހަރަކާތުފައި 'ރަތް ލަޝްކަރު' ނުވަތަ 'ނޫ ލަޝްކަރު'ގައި ހިމެނިގެން މި ގޭމު ކުޅެވޭނެއެވެ.