ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައި އެންމެ ބޮޑު އެއް ބަދަލަކީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ނުވަތަ ލޯކަލް ޓޫރިޒަމް ތައާރަފްވުމެވެ. މި ބަދަލުގެ އެންމެ ކުރީ ސަފުގައި އޮތް އަދި މިއަދު މި ސިނާއަތުގެ "ވެރިރަށް" ގޮތުގައި ބެލެވެނީ ކާފު އަތޮޅު މާފުށްޓެވެ. މިއީ ރާއްޖޭގެ އިގުތިސާދީ މަލަމަތި ބަދަލުކޮށްލި ނަމޫނާ ރަށެކެވެ.

2010 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ފަތުރުވެރިކަން އޮތީ ހަމައެކަނި ވަކިވަކި ރިސޯޓުތަކަށް ހާއްސަވެފައެވެ. ނަމަވެސް ސަރުކާރުން މީހުން ދިރިއުޅޭ ރަށްރަށުގައި ގެސްޓްހައުސް ހިންގުމުގެ ހުއްދަ ދިނުމާއެކު މާފުށި ވެގެންދިޔައީ މި ދާއިރާއަށް އެންމެ ފުރަތަމަ ނުކުތް ރަށަށެވެ. މަދު އެނދުތަކަކުން ފެށި މި މަސައްކަތުން މިއަދު މިވަނީ މުޅި ރަށުގެ އިގުތިސާދު ބަދަލުކޮށްލާފައެވެ.

މާފުށީގައި މިވަގުތުވެސް 50 އަށްވުރެ ގިނަ ގެސްޓު ހައުސް ހިންގާ

މާފުށީގެ ލޯކަލް ޓޫރިޒަމާއި ގުޅޭ ގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް ހަސަން ސޮލާހު ވިދާޅުވީ މިވަގުތުވެސް މާފުށީގައި 50އަށް ވުރެ ގިނަ ގެސްޓު ހައުސް ހިންގަމުން ދާކަމަށެވެ. މި ވިޔަފާރީގެ ސަބަބުން ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރަށަށް ގިނަގުނަ ފައިދާތަކެއް ވާކަމަށްވެސް ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މާފުށި / ފޮޓޯ: އައިޝަތު އިބްރާހިމް - ދަ ޕްރެސް

އެގޮތުން ސޮލާހު ވިދާޅުވީ ގެސްޓް ހައުސް ވިޔަފާރި ފުޅާވެ ކުރިއަރައިގެން ދިއުމާއެކު މިހާރު ވަޒީފާ ނުލިބިގެން ޒުވާނުން އުޅެން ނުޖެހޭ ކަމަށެވެ.

ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމުގައި ގެސްޓްހައުސް ވިޔަފާރީގެ ދައުރު ވަރަށް ބޮޑު. ވަޒީފާއެއް ހޯދާ ޒުވާނަކަށް ވެއްޖެއްޔާ މިހާރު ވަޒީފާއެއް ނުލިބިފަ ހުންނާކަށް ނުޖެހޭނެ. ރަށުން ބޭރުންވެސް ވަރަށް ގިނަ ފަރާތްތައް މިހާރު މާފުށްޓަށް އައިސް ވަޒީފާ އަދާކުރަމުންދަނީ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު

ސޮލާހު ވިދާޅުވީ ލޯކަލް ޓޫރިޒަމް މާފުށީގައި ދުވަހެއް ދުވަހަކަށް ދަނީ ފުޅާވަމުންކަމަށާއި އެގޮތުން ވޯޓަ ސްޕޯޓްސް ވިޔަފާރިއާއި އެކްސްކާޝަން ސެންޓަރުތައް ދަނީ އިތުރުވަމުންކަމަށެވެ. އަދި ދުވަހެއް ދުވަހަކަށް މާފުށްޓަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް އިތުރުވަމުން ދާކަމަށް ސޮލާހު ވަނީ ފާހަގަކުރައްވާފައެވެ.

އެންމެ ފަހުން ސްޓެޓިސްޓިކްސް ބަލާލީ 2024 ގަ. އޭރުގަ ގާތްގަނޑަކަށް 2 ލައްކައެއްހާ ޓޫރިސްޓުން އައިސްފަ އެބޮތް. އެހެންމަ އަޅުގަންޑު ދަންނަވާނީ އަހަރަކު 2 ލައްކައަކަށް ވުރެ ގިނަ ޓޫރިސްޓުން މާފުއްޓަށް އާދެޔޭ.
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު

ކުނި މެނޭޖުކުރުން – ދިމާވާ ބޮޑު ގޮންޖެހުމެއް

ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވި ގޮތުގައި ކުނި މެނޭޖުކުރަމީ ދިމާވެފައިވާ ގޮންޖެހުމެކެވެ. އެހެންކަމުން މިކަމަށް ހައްލެއް ގެނައުމަށް ކައުންސިލުން ހާއްސަ މަސައްކަތްތަކެއް ކުރެއްވި ކަން ފާހަގަކުރައްވާ ސޮލާހު ވިދާޅުވީ ކުނި މެނޭޖުކުރަން ބަޔަކަށް ހަވާލުކުރެވުނު ކަމަށާއި އެގޮތުން ފުރަތަމަ ހަވާލުކުރެވުނީ ސްޓެލްކޯއާ ކަމަށެވެ. އަދި މިހާރު އެ މަސައްކަތް ވެމްކޯއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަށްވެސް ސޮލާހު ވަނީ ވިދާޅުވެފައެވެ.

މާފުށި ކާނި ހޮޓެލްސް / ފޮޓޯ: އައިޝަތު އިބްރާހިމް - ދަ ޕްރެސް

ސޮލާހު ވިދާޅުވި ގޮތުގައި ކުނި މެނޭޖުކުރުމުގައި ދިމާވާ މައިގަނޑު އެއް ގޮންޖެހުމަކީ "ފުޑް ވޭސްޓް" އެވެ. މޫދަށް ކުނިއަޅާ މައްސަލަ ބޮޑުވެފައިވާކަން ފާހަގަކުރައްވާ ސޮލާހު ވިދާޅުވީ އެފަދައިން އަމަލުކުރާ ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށާއި އަދި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދެވިފައިވާނެ ކަމަށެވެ.

ސޮލާހު ވިދާޅުވީ ރަށުގެ ސާފުތާހިރުކަމަކީ ކައުންސިލުން ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމެއް ކަމަށާއި، ރަށުތެރެ ކުނިކެހުމަށް މުސާރަ ދީގެން މީހުން ނަގާފައިވާނެ ކަމަށެވެ.

މީގެއިތުރުން މާފުށީގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އަބަދުވެސް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާކަން ފާހަގަކޮށް ސޮލާހު ވިދާޅުވީ ގޮނޑުދޮށް ގިރުމުގެ މައްސަލަ މާފުށްޓަށްވެސް ވަރަށް ބޮޑަށް ދިމާވާކަމަށެވެ. މިކަމުގެ ސަބަބުން ކޮންމެ އަހަރަކުވެސް ވެލި އެޅުމުގެ މަސައްކަތް ކުރެވޭކަމަށާއި، ވެލި އެޅުމުގެ ގާބިލުކަން އިތުރުކުރުމަށް މިހާރު ސޭންޑް ބާޖެއްވެސް ހޯދާފައިވާކަމަށް ސޮލާހު ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިންނަށާއި އާންމުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަކީ އަމާޒު

މާފުށި ގެސްޓް ބީޗު --

މާފުށްޓަކީ ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު އެއް ރަށޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ އެކަށީގެންވާ އަގުތަކެއްގައި ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބުމެވެ. މާފުށީގެ ފަޅުތެރޭގައި ހިންގާ ތަފާތު މޫދު ކުޅިވަރުތަކާއި، ކައިރީގައި ހުންނަ ފިނޮޅުތަކަށް ކުރާ ދަތުރުތަކާއި، މިޔަރާއި ކަހަނބާއެކު ފީނުމުގެ ފުރުސަތަކީ ފަތުރުވެރިން އެންމެ ގަޔާވާ ކަންކަމެވެ.

މާލެއާއި އެއާޕޯޓާ މާފުށި ކައިރިވުމަކީ ދަތުރުފަތުރުގެ ފަސޭހަކަން ލިބިދޭ ކަމަމަށްވާއިރު މާފުށީ ކައުންސިލްގެ ރައީސް ސޮލާހު ވިދާޅުވީ ފަތުރުވެރިންނާއި އާންމުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަކީ އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށެވެ.

މިހާރު މާފުށީގަ މިއޮތް ފުޅާ ގެސްޓް ހައުސް ވިޔަފާރިތައް މޮނިޓާކޮށް ރެގިއުލޭޓު ކުރުމާއެކު ރައްޔިތު މީހާ އަށާއި ޓޫރިސްޓުންނަށް ހިތްފަސޭހަ ތަނަކަށް މިތަން ހެދުމަކީ ކައުންސިލުގެ އެންމެ ބޮޑު އަމާޒު
މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު

ސޮލާހު އިތުރަށް ވިދާޅުވީ މާފުށީގެ މީހުން ހިތް ފަސޭހަ ކޮށްލަން ދާނެ އިތުރު ރަށެއް ހެދުމަށްވެސް ކައުންސިލުން ގަސްތުކުރާކަމަށާއި އެއީ އެކްސްޓެންޝަން ޕްލޭނެއް ކަމަށެވެ.

ކޮންމެ ކުރިއެރުމަކާއެކު ގޮންޖެހުންތަކެއްވެސް ހުރެއެވެ. ރަށުގެ އާބާދީއަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ކުނި މެނޭޖުކުރުމާއި ތިމާވެށި ހިމާޔަތްކުރުމަކީ މާފުށްޓަށް އޮތް ބޮޑު މަސްއޫލިއްޔަތެކެވެ. ނަމަވެސް މާފުށީގެ ކާމިޔާބީއަކީ ރާއްޖޭގެ އެހެން ރަށްރަށަށް އޮތް އުންމީދީ މިސާލަކަށްވާނެއެވެ.

މާފުށްޓަކީ ދިވެހިންގެ ހީވާގިކަމާއި މެހެމާންދާރީގެ ރީތި ނަމޫނާއަކަށްވާއިރު އެ ރަށުން ވަނީ ދިވެހި ރަށްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވެ، އިގުތިސާދީ ގޮތުން ކުރިއަރާނެ މަގު ދައްކައިދީފައެވެ. މާފުށީގެ ލޯކަލް ޓޫރިޒަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ ބާބެކެވެ.