ދިވެހިންނަކީ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައުރުވަމުންދާ ވީޑިއޯތައް ބަލާ ތަފާތު އެކި ޓްރެންޑުތަކަށް އަބަދުވެސް ހާއްސަ ޝައުގުވެރިކަމެއް ދޭ ބައެކެވެ. އެގޮތުގެ މަތިން މިފަހަކަށް އައިސް ވައިގެ ހިފާލި އެކައްޗަކީ ތަފާތު ގޮތް ގޮތަށް ފްރައިސް ތައްޔާރު ކުރުމެވެ.

އެއާއެކު މިއަދުގެ ރެސިޕީ ވެސް މި ހާއްސަ ކޮށްލަނީ ކުޑަކުދިންގެ ތެރޭގައި ވެސް މަގުބޫލު ކެއުމެއް ކަމަށްވާ ފްރައިސް އިން ތައްޔާރުކޮށްލެވޭ އެނިމަލް ފްރައިސްއަށެވެ. މި ރެސިޕީގައި މަހުގެ ބާވަތަކަށް ކުކުޅު ބޭނުންކުރި ނަމަވެސް ބޭނުންވާނަމަ ބީފް ވެސް ބޭނުން ކޮށްލެވިދާނެއެވެ.

ބޭނުންވާނެ ތަކެތި:

  • މަޔޮނައިޒް
  • ޓޮމާޓޯ ސޯސް
  • ވައިޓް ވިނިގާ
  • ސްވީޓް ރެލިޝް
  • ހަކުރު
  • ޗިލީ ފްލޭކްސް
  • ފްރައިސް (ތެލުލާފައި)
  • ޗެޑާ ޗީޒް
  • ފިޔާ
  • ބަޓަރު
  • ތެޔޮ
  • ލޮނު
  • އަސޭމިރުސް
  • ކުކުޅު (ކުދިކޮށް ކޮށާފައި)

ތައްޔާރު ކުރާނެ ގޮތް: (ސޯސް އަދި ކުކުޅު)

ސޯސް ތައްޔާރުކޮށްލުމަށްޓަކައި މަޔޮނައިޒް، ޓޮމާޓޯ ސޯސް، ވައިޓް ވިނިގާ، ސްވީޓް ރެލިޝް،ހަކުރު އަދި ޗިލީ ފްލޭކްސް ތައްޓަކަށް އެޅުމަށްފަހު ހުރިހާ އެއްޗެއް މިކްސް ކުރުމުން ސޯސް ތައްޔާރުކޮށްލެވުނީއެވެ. ކުކުޅު ތައްޔާރު ކުރުމަށް ތަވައަކަށް ތެޔޮފޮދެއް އެޅުމަށްފަހު ކުކުޅު، އަސޭމިރުސް އަދި ލޮނު އެޅުމަށްފަހު ރޯފިލަންދެން ކައްކާލާށެވެ.

ކެރަމަލައިޒްޑް އޮނިއަން:

ފުރަތަމަ ތަވައެއްގައި ބަޓަރު މެލްޓް ކުރުމަށްފަހު ތެޔޮ ކޮޅު އަޅާލާނީއެވެ. އަދި އެއަށްފަހުފިޔާ އަދި ލޮނު ތަވާ ތެރެއަށް އަޅާލުމަށްފަހު ވަރަށް މަޑު ގިނީގައި ފިޔާ ކޮޅު ކެރެމަލައިޒް ވަންދެން ރަތް ކޮށްލާނީއެވެ. މިކަން ކޮށްލަން 30 ވަރަކަށް މިނެޓު ނަގާނެއެވެ. ދެން އެއަށްފަހު ފްރައިޒް ތެލުލުމަށްފަހު ޓްރޭއެއްގައި އަތުރާނީއެވެ. އަދި އޭގެ މައްޗަށް ޗީޒްތައް އަތުރާލުމަށްފަހު މެލްޓް ވަންދެން ފިހެލާނީއެވެ.

ކެރެމަލައިޒްޑް އޮނިއަން ތައްޔާރު ކުރަނީ

ޗީޒްތައް މެލްޓް ވުމުން އޭގެ މައްޗަށް ކެރެމަލައިޒް ކުރި ފިޔާ އަދި ވަކިން ހެދި ސޯސް އަދި ރޯ ފިލުވާލި ކުކުޅު ކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލާނީއެވެ. މި ރެސިޕީގައި ހާއްސަ ސޯސްއެއް ތައްޔާރު ކުރި ނަމަވެސް ބޭނުން ނަމަ ސަބްމެރިން ސޯސް ވެސް ބޭނުން ކޮށްލެވިދާނެއެވެ.