ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށާއި، އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސް އާއި ޑާޓުއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލުގެ ތެރެއިން މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަނުގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީއެވެ. ޑާޓުއާގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ޑިރެކްޓަރު އިންޑިއަން އޯޝަން އެންޑް އޭޝިއާ، ޔޯން ކްރައުޒާއެވެ.

ވިޒިޓް މޯލްޑިވްސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން، ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަންނަ އަހަރު މި އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ޖަރުމަނުވިލާތް އޮތް އޮތުން އިތުރަށް ވަރުގަދަ ކުރުމަށް ކުރާ މަސައްކަތެއްކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ މި އެއްބަސްވުމުގެ ދަށުން، ރާއްޖެއަކީ ފަތުރުވެރިން އެންމެ އިސްކަންދޭ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށްޓަކައި، ދެ ފަރާތުން ގުޅިގެން ހަރަކާތްތަކާއި ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެކަމަށެވެ.

މީގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިންގެ ޝައުގުވެރިކަމާ، ސީޒަނަލް ޑިމާންޑަށް ބިނާކޮށް ގުޅިފައިވާ ޕްރޮމޯޝަނަލް ކެމްޕޭންތަކާ އަދި ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. އަދި ރާއްޖެ އިޝްތިހާރު ކުރުމަށް އެކުލަވައިލާ ސްޓްރެޓެޖީތައް ހަރުދަނާ ކުރުމަށްޓަކައި، ޑާޓުއާއިން ފަންނީ ލަފަޔާއި މާކެޓް އެކްސްޕަޓީޒް ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.