ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު އައްޔަންކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއުކުރުމަށްފަހު ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ ރައޫފާއި ޝަފީއު އިއްޔެ މަގާމުގެ ހުވާ ކުރައްވާފައިވާ ކަމަށެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ހައި ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، އެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން ވަކިވެވަޑައިގަތުމުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ޖޭއެސްސީން ހުޅުވާލުމުން އެ މަގާމަށް ޖުމްލަ 19 ފަރާތަކުން ކުރިމަތިލާފައިވާއިރު މި ބޭފުޅުންގެ ތެރެއިން، ހައި ކޯޓަށް އައްޔަންކުރައްވަން ޖޭއެސްސީން ނިންމި އަބްދުއްރައޫފް ވަނީ ކުރިންވެސް އެ ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައެވެ. އަބްދުއްރައޫފް، ހައި ކޯޓުން މޭ 2022 ގައި އިސްތިއުފާ ދެއްވީ، ސަރުކާރުން ދޫކުރި ފްލެޓްތަކެއް ހާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާ މައްސަލައަކާ ގުޅިގެން ޖޭއެސްސީން އެ މައްސަލަ ބަލައި މަގާމުން ވަކިކުރަން ނިންމާފައިވަނިކޮށެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯ (އޮނާރސް) ހާސިލްކުރައްވާ ޝަރުއީ ދާއިރާގައި 16 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ، އަބްދުލްރައޫފް ހައިކޯޓުގެ ފަނޑިޔާރުކަމަށް އަލުން އައްޔަން ކުރެވުނު އިރު ހުންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީނިއާ ލީގަލް ކައުންސެލްގެ މަގާމުގައެވެ.

ޝަރުއީ ދާއިރާގައި ހަތް އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ، ޝަފީއު ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އައްޔަންކުރީ ސެޕްޓެމްބަރު 2021 ގައެވެ. އިސްމާއީލް ޝަފީއު ވަނީ ޕްރޮސެކިއުޓަާ ޖެނެރަލް އޮފީހުގައި ޕަބްލިކް ޕްރޮސެކިއުޓަރުގެ މަގާމުވެސް ފުރުއްވާފައެވެ.