ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށް ބުނެ އިނގިރޭސި ވިލާތުން ރައްދު ދީފިއެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށް ބަޔާންކޮށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އޮގަސްޓް 22، 2022 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންދެވިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހު މަޖިލިސް ހުޅުވުމަށް އިއްވެވި ރިޔާސީ ބަޔާނުގައެވެ.

އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން 2024 ވަނަ އަހަރާއި މިދިޔަ މަހުގެ 18 ގައި ވެސް، ލިޔުމުން އިނގިރޭސި ސަރުކާރަށް އަންގާފައިވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

ޗާގޯސްއިން ރާއްޖޭން ވަކާލާތު ކުރުމާ ގުޅޭ ގޮތުން، ތުރުކީގެ އަނަދުލު ނޫސް އޭޖެންސީން އިނގިރޭސިވިލާތުގެ ފޮރިން އޮފީހާ ސުވާލުކުރުމުން އެ ގައުމުން ބުނެފައި ވަނީ، ޗާގޯސްގެ ސިޔާދަތާ ގުޅޭ ގޮތުން ސުވާލު އުފެދިފައި ވަނީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދުކަން ތަފާތު ކޯޓުތަކާއި އިދާރާތަކުގެ ނިންމުންތަކުން ސާފުވާ ކަމަށެވެ.

އަދި ހަމަ އެހެންމެ މޮރިޝަސްއާއެކު އިނގިރޭސިވިލާތުން ހަދައިފައިވާ އެއްބަސްވުމުގެ ދަށުން، ޑިއޭގޯ ގާސިއާގައި ހަދާފައިވާ އެމެރިކާގެ މަރުކަޒު އެތައް ޖީލަކަށް ރައްކާތެރިކޮށް ބެލެހެއްޓޭނެ ކަމަށާއި، އޭގެ ސަބަބުން އިނގިރޭސިވިލާތަށް ވެސް ދިފާއީ ގޮތުން ފައިދާތައް ވާނެ ކަމަށް ވެސް އެ އޮފީހުން ވަނީ ބުނެފައެވެ.

"އެތައް ކޯޓަކުން، ހުކުމަކުން އަދި އެކި އިދާރާތަކުން ވަނީ ޗާގޯސްގެ ސިޔާދަތީ ބާރުގެ ސުވާލު އޮތީ ޔޫކޭ އާއި މޮރިޝަސްއާ ދެމެދުގައިކަން ސާފުވެފައި،"އިނގިރޭސިވިލާތުގެ
ފޮރިން މިނިސްޓްރީއާ ހަވާލާދީ

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ދެބަސްވުންތައް އޮންނަތާ އަހަރުތަކެއް ފަހުން، މިދިޔަ އަހަރު އިނގިރޭސިވިލާތުން ވަނީ ޗާގޯސް، މޮރިޝަސްއަށް ދިނުމަށް ނިންމާފައެވެ. އެ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވި ނަމަވެސް، ފަހުން ވަނީ އެއްބަސްވުން ތަންފީޒު ކުރުމަށް އެއްބަސްވެވަޑައިގެންފައެވެ.

ޗާގޯސްގެ ރަށްތަކަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ރާއްޖެ ހިމެނޭހެން ދެކުނު އިރުމަތީ އޭޝިއާ ހިފައިގެން އޮތް އިރު އަތްދަށުލީ ގޮތަށް އިނގިރޭސީންގެ ތަނެއްގެ ގޮތުގައި އޮންނަ އަތޮޅެކެވެ. އެތަނުން އެއް ރަށް ކަމަށް ވާ ފޯޅަވަހި އެމެރިކާގެ އަސްކަރީ ބޭހެއް ހަދަން ކުއްޔަށް ދީފައި އޮންނަ އިރު, އިނގިރޭސީންގެ ބާރުގެ ދަށުން އޭރު ޗާގޯސްގައި އުޅުނު ވަޒަންވެރިން އެތަނުން ބާލައި ފައްސާލިއެވެ. އެއްބަޔަކު އިނގިރޭސިވިލާތަށް އަނެއް ބަޔަކު މޮރިޝަސް އަށާއި ސީޝެލްސް އަށް އަދި ބައެއް މީހުން އެފްރިކާއަށް ގެންދިޔައެވެ.

ޗާގޯސް އަކީ ރާއްޖެއާ ކައިރީގައި އޮންނަ ތަނަކަށް ވުމާއެކު, ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮންނަ ކަނޑު ބައިކުރުމުގެ މައްސަލަ, ކަނޑުތަކާ ބެހޭ ކޯޓުގައި ދިގުލައި ގޮސް ނުނިމި އޮތީ މޮރިޝަސް އަށް އެސަރަހައްދު ދޫކޮށްލަން ރާއްޖެއިން އެއްބަސް ނުވެގެންނެވެ. ނަމަވެސް ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި 'ސިއްރު ސިޓީފުޅެއް' ފޮނުވައިގެން ކަނޑުގެ ސަރަހައްދު ދެފަރާތަށް އެއްވަރަކަށް ބަހާ ޗާގޯސް އައިލޭންޑްސް މޮރިޝަސް އަށް ދޫކޮށްލަން ދިވެހި ސަރުކާރުން އެއްބަސްވިއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ކަނޑައެޅުމުގައި އިޓްލޮސްއިން ނިންމާފައި ވަނީ ފުށޫއަރާ ބައި ކަނޑައަޅައި އިކުއިޑިސްޓެންސްގެ ދަށުން ބަހާލުމަށެވެ. އިކުއި ޑިސްޓެންސްގެ ދަށުން ފުށުއަރާ ސަރަހައްދު ބަހާލުމުން މައްސަލަ ރާއްޖެ އަށް ލިބުނީ 47،232 އަކަ ކިލޯމީޓަރެވެ. އެއީ 135 ނޯޓިކަލް މޭލެވެ. އަދި މޮރިޝަސް އަށް ލިބުނީ 45،331 އަކަ ކިލޯމީޓަރެވެ.

އިޓްލޮސް އިން ޗާގޯސްގެ ކަނޑުގެ ސަރަހައްދުން ފުށު އަރާ ހިސާބު ބައިހަމަކޮށް ބަހާލުމުން ރާއްޖެއިން ކުރިން ބޭނުން ކުރަމުން ދިޔަ 200 ނޯޓިކަލް މޭލުން 5 މޭލު ވަނީ ގެއްލިފައެވެ.