ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތް ގާނޫނުގައިވާ ގޮތުގެ މަތިން މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ސަރުކާރުގެ އޮފީސްތަކުގެ މުވައްޒަފުންނަށް ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.

ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކޮށް މިނިސްޓްރީން ބުނީ ސަރުކާރުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދީ، މި މަހުގެ 12 ވަނަ ދުވަހުގެ ކުރިން ނިންމަން ޖެހޭނެ ކަމަށެވެ. އަދި އިނާޔަތުގެ ފައިސާ މި މަހުގެ 10 ގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް، ޕޯސްޓު ކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރަމަޟާން އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެ އެވެ.

މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން ރޯދަމަސް ފެށޭއިރު އެ އޮފީހަކަށް ހިދުމަތް ނުލިބޭ ގޮތަށް، ޕޭ ލީވް (ސްކޮލަޝިޕް މުވައްޒަފުން) އަދި ނޯ ޕޭ ލީވް މުވައްޒަފުން، އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނެނޭއެވެ. އެހެންނަމަވެސް އެފަދަ ލީވެއްގައި ހުރި މުވައްޒަފަކު ރޯދަމަސް ތެރޭގައި ވަޒީފާ އަށް ނުކުމެއްޖެ ނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި، އެ އަދަދަށް ރޯދަ އިނާޔަތުގެ ފައިސާ ދޭން ޖެހޭނެއެވެ.

މީގެ އިތުރުން މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާ އަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ އިނާޔަތުގެ ފައިސާ ދޭއިރު، އެ މުވައްޒަފަކު އަސާސީ ވަޒީފާ އަދާކުރާ އޮފީހަކުން ހަމައެކަނި އެ އިނާޔަތް ދިނުން ހިމެނެއެވެ.