އުރީދޫ މޯލްޑިވްސްގެ އާ މެނޭޖިން ޑިރެކްޓަރު، އަދި ސީއީއޯ ކަމަށް ޝާޑީ ގަވަސްމީ މިއަދު އައްޔަންކޮށްފިއެވެ.
ގަވަސްމީ ވަނީ ފަރަންސޭސިވިލާތުގެ އީޑީއެޗްއީސީ ބިޒްނަސް ސްކޫލުން މާކެޓިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރުމުގެ އިތުރުން އެމެރިކާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީން މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލްކޮށްފައެވެ.
ގަވަސްމީ އަކީ ޓެލެކޮމިއުނިކޭޝަން، ސްޓްރެޓެޖީ އަދި ބްރޭންޑް މެނޭޖްމަންޓްގެ ދާއިރާއިން 10 އަހަރަށްވުރެ ގިނަ ދުވަހުގެ ލީޑަޝިޕް ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ. ގަވަސްމީ އުރީދޫ ގްރޫޕުގައި މަސައްކަތްކުރަން ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ.
ގަވަސްމީ ވަނީ އުރީދޫ ފަލަސްތީނުގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމާއި، ސޭލްސް ޑިރެކްޓަރުގެ މަގާމުގެ އިތުރުން ހެޑް އޮފް ބްރޭންޑް އެންޑް ކޮމިއުނިކޭޝަންސް ފަދަ އިސް މަގާމުތައް ވަނީ ފުރުއްވާފައެވެ.މީގެ އިތުރުން އެ ކުންފުނީގެ މާކެޓް ފުޅާކުރުމަށާއި، އައު ޓެކްނޮލޮޖީތައް ތަޢާރަފުކުރުމުގެ އިތުރުން ކުންފުނި ހިންގުމުގެ ނިޒާމަށް ޒަމާނީ ބަދަލުތައް ގެނައުމުގައި ގަވަސްމީ ވަނީ އިސް ރޯލެއް އަދާކޮށްފައެވެ.
އުރީދޫގައި މަސައްކަތްކުރަން ފެށުމުގެ ކުރިން ގަވަސްމީ ވަނީ މެނޭޖްމަންޓް ކޮންސަލްޓިން، ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާކެޓިން ކޮމިއުނިކޭޝަންސްގެ ދާއިރާއިން ގިނަ ތަޖުރިބާތަކެއް ހޯދާފައެވެ. އެގޮތުން އެކި މުއައްސަސާތަކަށް ވިޔަފާރި ކުރިއެރުވުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި ޑިޖިޓަލް ވަސީލަތްތަކަށް ބަދަލުވުމުގައި ލަފާދިނުމުގެ މައްސައްކަތްތައް ކޮށްފައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އުރީދޫން ވަނީ އެ ކުންފުނީގެ ކުރީގެ ސީއީއޯ ހާލިދަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ހާލިދުގެ ލީޑާޝިޕްގެ ދަށުން، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފޯރުކޮށްދޭ ކަސްޓަމާ ކެއާ އެސިސްޓަންޓް "އެވީ" ފަދަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތައާރަފުކުރެވުނު ކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އަދި މާސްޓާ ކާޑް، ޓިކްޓޮކް، ވަޓްސްއަޕް ބިޒްނަސް އަދި ވައިބާ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިފައިވާކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މުޅި ރާއްޖެއަށް 100 އިންސައްތަ 4ޖީ+ ކަވަރޭޖް ފޯރުކޮށްދިނުމާއި، އާބާދީގެ 80 އިންސައްތައަށް 5ޖީގެ ހިދުމަތް ފުޅާކުރުމާއި، "ޕީސް" ސަބްމެރިން ކޭބަލް ގާއިމުކުރުމުގެ އިތުރުން، ޓިއަރ-3 ފެންވަރުގެ އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގާއިމުކުރުމާއި، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓު ހާއްސަ ކޭބަލަކާއި ގުޅުވާލުމަކީ ކުރީގެ ސީއީއޯ ހާލިދުގެ މަސައްކަތްކަން އުރީދޫ އިން ވަނީ ފާހަގަކޮށްފައެވެ.
އުރީދޫ މޯލްޑިވްސްގައި ހާލިދު ހޭދަކޮށްފައިވާ ދުވަސްތަކުގައި ހޯދާފައިވާ އެހެނިހެން ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި، ކަނޑުއަޑީގައި ބޭއްވި އެންމެ ބޮޑު ޕެނަލް ޑިސްކަޝަން ބާއްވައިގެން ގިނިސް ވޯލްޑް ރެކޯޑު ހޯދުމާއި، ކ. ހުޅުމާލޭގައި އުރީދޫގެ އޮފީސް ހުޅުވުމުގެ އިތުރުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ސިއްހީ ދާއިރާ އާއި އެއާ އެމްބިއުލާންސްގެ ހިދުމަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު އިޖުތިމާއި ޒިންމާގެ މުހިންމު މަސައްކަތްތައް އުރީދު އިން ވަނީ ފާހަގަކޮށްފައެވެ.
