ރޯދަ ވީއްލާއިރު ފޮނި އެއްޗަކާ ނުލާ ސުފުރާމަތި ފުރިހަމަ ނުވާނެއެވެ. އެހެންކަމުން ފަސޭހައިން ތައްޔާރުކޮށްލެވޭ ޗޫރޯސް އެއް ތައްޔާރުކޮށްލަމާ ހިނގާށެވެ.

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ފެން
  • 50 ގްރާމް ބަޓަރު (ލޮނު ނުހުންނަ)
  • 1 މޭޒުމަތީ ސަމްސާ ހަކުރު
  • 1/4 މޭޒުމަތީ ސަމްސާ ލޮނު
  • 1 ޖޯޑު ފުށް
  • 1 ބިސް
  • 1 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
  • ތެޔޮ

ކޯޓު ކުރުމަށް (މައްޗަށް ބުރުވުމަށް):

  • 1/2 ޖޯޑު ހަކުރު
  • 1 މޭޒުމަތީ ސަމްސާ ފޮނިތޮށި ކުނޑި (ސިނަމަން ޕައުޑާ)

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތަވައަކަށް ފެން، ބަޓަރު، ހަކުރު އަދި ލޮނު އެޅުމަށްފަހު މެދުގިނީގައި ކައްކަން ފަށާށެވެ. ބަޓަރުތައް ދިޔާވެ ފެންގަނޑު ކެކެން ފެށުމުން އުނދުން ނިވާލާށެވެ. އެއަށްފަހު ފުށްތައް އެޅުމަށްފަހު ސަމުސަލަކުން ރަނގަޅަށް އެއްކުރާށެވެ. ފުށްގަނޑު އޮމާންވެ، ތަވައިގެ އަރިމަތިން ނެއްޓޭ ވަރުވަންދެން އެއްކުރަންވާނެއެވެ.

ފުށްގަނޑު ކުޑަކޮށް ހިހޫވުމަށްޓަކައި 5 މިނެޓު ވަރު ބަހައްޓާށެވެ. (މާބޮޑަށް ހިހޫވިޔަ ނުދޭށެވެ). ދެން ފުށްގަނޑުގެ ތެރެއަށް ބިސް އަދި ވެނީލާ އެސެންސް އެޅުމަށްފަހު، ރަނގަޅަށް އެއްވަންދެން ގިރާލާށެވެ. މިހާރު ހުންނާނީ އޮމާން އަދި ތަތް ފުށްގަނޑެއް ތައްޔާރުވެފައެވެ.

ޕައިޕިންގް ބޭގަކަށް ތަރި ބައްޓަމުގެ ނޮޒްލެއް ލެއްވުމަށްފަހު، ތައްޔާރުކުރި ފުށްގަނޑު އޭގެ ތެރެއަށް އަޅާށެވެ. ތަވައަކަށް ތެޔޮ އަޅައި ހޫނުކުރާށެވެ. ތެޔޮ ހޫނުވުމުން ބޭނުންވާ ސައިޒަކަށް ފުށްގަނޑު ފިއްތާލުމަށްފަހު ކަނޑާލައިގެން ތެލުގެ ތެރެއަށް ދޫކޮށްލާށެވެ. ޗޫރޯސްތަކަށް ރަން މުށިކުލަ އަރަންދެން ތެލުލާށެވެ.

ކޯޓު ކުރުމަށް ތައްޔާރުކުރި ހަކުރާއި ފޮނިތޮށި ކުނޑި އެއްކޮށްލުމަށްފަހު، ޗޫރޯސްތައް ހޫނުކޮށް ހުއްޓާ އޭގެ ތެރޭގައި ފުރޮޅާލާށެވެ. މިހާރު މިވަނީ މީރު ޗޫރޯސް ތައްޔާރުކޮށް ނިމިފައެވެ. މިއީ ޗޮކްލެޓް ސޯސްއާ އެކު ކާލަން ވަރަށް މީރު އެއްޗެކެވެ.