ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށްޓަކައި ކުރިއަށް ގެންދިޔަ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، އެ މަސައްކަތުގެ ދަށުން މެއިން ޕެނަލްތަކަށް ކޭބަލް އެޅުމާއި، ކަނެކްޝަންތައް ހަދައި ޓެސްޓުކުރުމުގެ އިތުރުން، ޕެނަލްތަކުން ފެށިގެން ކުލާސް ރޫމްތަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޯޑްތައް ޓެސްޓްކޮށްފައިވާ ކަމަށެވެ. ހަމައެއާއެކު ކަރަންޓް ވަޔަރިންގެ ސަލާމަތްތެރިކަން ޔަގީން ކުރަން ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ވަނީ ފުރިހަމަ ކޮށްފައި ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރި އާ ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓާވައި ދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. 1500 ދަރިވަރުންގެ ޖާގައިގެ މި ސްކޫލްގައި ކިޔަވައި ދިނުން ދިރާސީ އާ އަހަރާ އެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2020 ވަނަ އަހަރު މީހުން އާބާދުވާން ފެށި ނަމަވެސް މިހާތަނަށް އެތާންގައި ދާއިމީ ސްކޫލެއްގެ ގޮތުގައި އިމާރާތްކޮށްފަވަނީ ސަލާހުއްދީން ސްކޫލްގައި އެކަންޏެވެ. ސްކޫލްގެ ޖާގައިގެ ދަތިކަމާ ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުމާ ގުޅިގެން ވަގުތީ ސްކޫލެއްގެ ގޮތުގައި ކާމިލް ދީދީ ސްކޫލް ހުޅުވި ނަމަވެސް ހުޅުމާލެ ފޭސް 2 ގެ އާބާދީ އިތުރު ވަމުން ދިއުމާ ގުޅުގެން މި މައްސަލަ އަށް ވަނީ ހައްލެ ނުލިބިފައެވެ. ނަމަވެސް ކުރިއަށް އޮތް ދިރާސީ އަހަރު ހުޅުވާ ޝަހީދު އަލީ ސްކޫލާ އެކު ވަރަށް ބޮޑު ލުޔެއް އާންމުންނަށް ލިބިގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
