ސަރަހައްދުގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެއެވެ.

ވިސާ ނެތި ދަތުރު ކުރެވޭ ގައުމުތަކުގެ އަދަދަށް ބަލާ ކޮންމެ އަހަރަކުވެސް ހެންލީ އެންޑް ޕާޓްނާސްއިން ނެރޭ ދުނިޔޭގެ އެންމެ ބާރުދަގަ ޕާސްޕޯޓު ލިސްޓުގައި ރާއްޖެއަށް މިއަހަރު ލިބިފައި ވަނީ ދުނިޔޭގެ 52 ވަނައެވެ. ރާއްޖޭގެ ޕާސްޕޯޓުގައި ވިސާއާ ނުލައި 92 ގައުމަށް ދަތުރުކުރެވެއެވެ.

މިދިޔަ އަހަރު ރާއްޖެ އޮތީ ޕާސްޕޯޓް ރޭންކިންގެ 53 ވަނަގައިއެވެ.

މި ސަރަހައްދުގައި ރާއްޖެއާ އެންމެ ގާތަށް ރޭންކިން ގައި އޮތީ އިންޑިއާއެވެ. އިންޑިއާ 80 ވަނާގައި އޮތްއިރު، ބޫޓާން އޮތީ ރޭންކިންގެ 85 ވަނައިގައެވެ. ސްރީލަންކާ ރޭންކިންގެ 93 ވަނައިގައި އޮތް އިރު އެ ގައުމުގެ ޕާސްޕޯޓުގައި ވިސާއާއި ނުލާ 39 ގައުމަކަށް ދަތުރުކުރެވެއެވެ. މީގެއިތުރުން ރޭންކިންގެ 95 ވަނައިގައި ބަންގްލަދޭޝް އޮތްއިރު، ނޭޕާލް އޮތީ ރޭންކިންގެ 96 ވަނައިގައެވެ.

98 ވަނައިގައި އޮތް ޕާކިސްތާނުގެ ޕާސްޕޯޓުގައި ވިސާއާއި ނުލާ 31 ގައުމަކަށް ދަތުރު ކުރެވޭއިރު އަފްގާނިސްތާން ހިމެނެނީ ރޭންކިންގެ 101 ވަނައިގައެވެ. އެ ގައުމުން ވިސާއާ ނުލައި 24 ގައުމަކަށް ދަތުރުކުރެވެއެވެ.

ހެންލީ ޕާސްޕޯޓު ރޭންކިން ލިސްޓުން ދުނިޔޭގެ އެއްވަނަ ހޯދާފައި ސިންގަޕޫރެވެ. އެގައުގެ ޕާސްޕޯޓުގައި ދުނިޔޭގެ 192 ގައުމަކަށް ވިސާ ނެތި ދަތުރު ކުރެވެއެވެ. ލިސްޓުގެ ދެވަނައިގައި ޖަޕާން އޮތްއިރު ތިންވަނައިގައި އޮތީ ސައުތް ކޮރެއާއެވެ.