ސިފައިންނާއި ފުލުހުންނާއި އެ ފަރާތްތަކުގެ އާއިލާތަކަށް މިހާރު ދެމުން އަންނަ ބޭސް ފަރުވާގެ ސްކީމް މުރާޖާކޮށް ބޭސް ފަރުވާއަށް ކުރަންޖެހޭ ހަރަދު ކޮންޓްރޯލް ކުރެވޭނެ ސިޔާސަތެއް އެކުލަވާލުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

އޮޑިޓް އޮފީހުން މިގޮތަށް ލަފާ ދީފައި ވަނީ އާސަންދަ ސްކީމްގެ ބޭރުން ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައާ ގުޅޭ ޕާފޯމަންސް އޮޑިޓް ރިޕޯޓްގައެވެ. މިއަދު އާންމު ކުރި މި އޮޑިޓްގައި ބުނާ ގޮތުގައި އާސަންދަ ސްކީމަކީ ދިވެހި އެންމެހާ ރައްޔިތުންގެ ބޭސްފަރުވާގެ ހަރަދު ހިލޭ ހަމަޖެއްސުމަށް ގާއިމްކޮށްފައިވާ ސްކީމެއް ނަމަވެސް އެ ސްކީމްގެ ބޭރުން ބޮޑު ހޭދައެއް ކުރަމުންދާ ކަން ފާހަގަވެފައިވާ ކަމަށެވެ.

އެގޮތުން 2019 ވަނަ އަހަރުން ފެށީގެން 2024 ވަނަ އަހަރުގެ ނިޔަލަށް 3 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ އިރު، އެވްރެޖްކޮށް ކޮންމެ އަހަރު އެ ހަރަދު އަންނަނީ 28 ޕަސެންޓް އިތުރުވަމުން ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.

މީގެ ތެރެއިން ފުލުހުންނާއި ސިފައިންނާއި އެ ފަރާތްތަކުގެ މައިންބަފައިންނާއި އަނބިދަރިންނަށް ބޭސްފަރުވާ ކުރުމަށް އަމިއްލަ ހޮސްޕިޓަލްތަކުންނާއި ހިދުމަތް ފޯރުކޮށްދޭ ތަންތަނުން ހޯދާ ބޭހާއި ހިދުމަތްތަކަށް އާސަން ސްކީމުން ކެންޑުމަށް ފަހު ބިލުގެ ބާކީބައި ދެއްކުމަށާއި، ރާއްޖެއިން ބޭރުން ހޯދާ ބޭސްފަރުވާ ކުރުމަށް ޑިފެންސް މިނިސްޓްރީއާއި ފުލުހުންގެ އިދާރާގެ ބަޖެޓުން 1،220،010،492 ރުފިޔާ ވަނީ ހަރަދު ކޮށްފައެވެ. އަދި މިގޮތަށް ކުރާ ހަރަދު އިތުރުވަމުން އަންނަ ރޭތަށް ބަލާއިރު އަހަރަކު 23 ޕަސެންޓް އިތުރުވަމުން އަންނަ ކަމަށް އޮޑީޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

  • ފުލުހުންނާ ސިފައިންނާއި އެ ފަރާތްތަކުގެ އާއިލާއަށް 5 އަހަރުތެރޭ ޖުމްލަ 1.22 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
  • ފުލުހުންނާއި ފުލުހުންގެ އާއިލާގެ ބޭސްފަރުވާއަށް 619 މިލިއަން ހަރަދުކޮށްފައިވޭ
  • ސިފައިންނާއި ސިފައިންގެ އާއިލާގެ ބޭސްފަރުވާއަށް 601 މިލިއަން ހަރަދުކޮށްފައިވޭ

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، 2019 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް އަމިއްލަ ހޮސްޕިޓަލްތަކުން ފޯރުކޮށްދޭ ހިދުމަތްތަކުގެ އަގު އެވްރެޖްކޮށް 58 ޕަސެންޓް އިތުރުވެފައިވާ ކަަމށާއި 331 ޕަސެންޓް އާ ހަމައަށް ވެސް ބައެއް ހިދުމަތްތަކުގެ އަގު ބޮޑުވެފައިވާ ކަަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

އެ ގޮތުން މި އޮޑިޓް ރިޕޯޓުގައި އިސްލާހު ކުރުމަށް ލަފާ ދީފައި ވަނީ ދައުލަތުން ފުލުހުންނާއި ސިފައިންނާއި އެ ފަރާތްތަކުގެ އާއިލާގެ ފަރާތްތަކަށް ބޭސްފަރުވާއަށް ކުރާ ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ހިފެހެއްޓުމަށް އެ އިދާރާގެ ބަޖެޓުން ބޭސްފަރުވާގެ ގޮތުގައި ހަރަދު ކުރެވޭނެ ހާލަތްތަކާއި ހަރަދު ކުރެވޭނެ ފަރާތްތަކާއި، ހަރަދު ކުރެވޭނެ މިންވަރު ކަނޑައަޅައި މިހާރު ދެމުން އަންނަ ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް މުރާޖާ ކުރުމަށެވެ. ހަމައެއާއެކު އަމިއްލަ އިހްތިޔާރުގައި ހޮސްޕިޓަލްތަކުން ލިބެން ހުރި ހިދުމަތްތައް އަމިއްލަ ހޮސްޕިޓަލްތަކުން ހޯދާ ފަރާތްތަކަށް އެކި މުއައްސަސާތަކުގެ ބަޖެޓުން ބޭސް ފަރުވާ އެހީ ނުލިބޭހެން އުސޫލުތައް މުރާޖާ ކުރުމަށް ވެސް ވަނީ ލަފާ ދީފައެވެ.