އެމެރިކާގެ ރައީސް ރިޔާސަތު ބަލަހައްޓަވާ ގޮތަށް އުފެއްދި 'ބޯޑް އޮފް ޕީސް' ގައި ހިމެނޭނެ މެންބަރުން ވައިޓްހައުސް އިން އިއުލާން ކޮށްފިއެވެ.
މައިގަނޑު ދެ މަސައްކަތެއް ކުރުމަށް ޖުމްލަ 2 ބޯޑެއް އުފައްދާފައި ވާ އިރު، ބޯޑް އޮފް ޕީސް ނުވަތަ އެގްޒެކެޓިވް ބޯޑުގެ މައިގަނޑު މަސައްކަތަކީ، ގާޒާގެ ކަންކަން އިންތިޒާމުކޮށް ހިންގުމާއި ގާޒާ އާރާސްތު ކުރުމުގެ މަސައްކަތް ބެލެހެއްޓުމެވެ. ބޯޑުގެ ކޮންމެ މެންބަރަކަށް ވެސް މެންޑޭޓެއް ކަނޑައަޅާފައި ވާ ކަމަށް ވައިޓްހައުސް އިން ބުނެފައި ވީ ނަމަވެސް އެއީ ކޮން މަސައްކަތެއް ކަމެއް އަދި ހާމައެއް ނުކުރެއެވެ.
ކޮމިޓީގައި ހިމެނޭ މެންބަރުންގެ ނަންތައް އިއުލާން ކުރުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފާޑުކިޔުން އަމާޒު ވަމުން އަންނަ އިރު އެންމެ ބޮޑު ފާޑުކިޔުމަކަށް ވީ، އެ ކޮމިޓީގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ ހިމެނިފައި ވުމުންނެވެ. އެ ބްލެއާގެ ނަން ހިމެނޭކަމަށް މީގެ ކުރިން އަޑު އެރިއިރު ވެސް އާންމުންގެ އެންމެ ބޮޑު ފާޑުކިޔުމަކަށް ވީ، އެމެރިކާއިން އިސްވެ ކުރި އީރާގު ހަނގުރާމައިގައި އިރާގުގައި ފަނާކުރަނިވި ހަތިޔާރު ހުރި ކަމަށް ދުނިޔޭގެ ލީޑަރުންނަށް އޮޅުވާލައި ވިސްނައިދެއްވުމުގައި ބްލެއާ އަދާކުރެއްވި ދައުރާއި، މެދުއިރުމަތި އަޅުވެތި ކުރުމުގައި އިނގިރޭސީންގެ އޮތް ތާރީހެވެ.
އެ ފާޑުކިޔުންތަކާއެކު ޓްރަމްޕްވެސް މީގެ ކުރިން އެކަން ގަބޫލު ކުރެއްވި މޭރުމަކުން ވާހަކަ ދައްކަވާފައި ވެއެވެ. އޭރު ޓްރަމްޕް ވިދާޅުވެފައި ވަނީ، "އަހަރެން އަބަދުވެސް ޓޯނީ ބްލެއާމެދު ހިތްހަމަ ޖެހޭ، އަހަރެން ބަލަން ބޭނުންވަނީ ބްލެއާ އަކީ އެންމެނަށްވެސް ބަލައިގަނެވޭނެ ހޮވުމެއްތޯ" އެވެ.
ވައިޓްހައުސް އިން ކަނޑައެކުޅި ލިސްޓުގައި ބްލެއާގެ އިތުރުން، ޓްރަމްޕްގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަނބިދަރި ޖެރާޑް ކުޝްނާ އާއި، މާކޯ ރޫބިއޯ އާއި، އެޕޯލޯ ގްލޯބަލް މެނޭޖްމަންޓްގެ ސީއީއޯ ބިލިއަނަރު މާކް ރޯވަން އާއި ވޯލްޑް ބޭންކްގެ ރައީސް އަޖޭ ބަންގާ އާއި، ގައުމީސަލާމަތާ ބެހޭ އެމެރިކާ ސަރުކާރުގެ އެޑްވައިޒަރު ރޮބާޓް ގެބްލިއަލް އާއި އދ ގައި މެދުއިރުމަތި ތަމްސީލު ކުރާ މަންދޫބެއްގެ ގޮތުގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބަލްގޭރިއާގެ ސިޔާސީ ބޭފުޅެއް ކަމަށް ވާ ނިކޮލޭ މްލަޑެނޯވް ހިމެނެއެވެ.
މި އެގްޒެކްޓިވް ބޯޑުގެ އިތުރުން 'ގާޒާ އެގްޒެކެޓިވް ބޯޑު' އެއް 'ނެޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ (އެންސީއޭޖީ) ގެ ނަމުގައި ހަރަކާތްތެރިވާނެ ކޮމިޓީއެއްވެސް ވައިޓްހައުސް އިން ވަނީ އުފައްދާފައެވެ. އެ ކޮމިޓީގެ މައިގަނޑު ޒިންމާއެއް ކަމަށް ބުނަނީ، ގާޒާގައި (ގާޒާގެ ބިމުގައި) ހިނގަމުންދާ ހުރިހާ ކަމެއް ދުވަހުން ދުވަހަށް ބެލެހެއްޓުން ކަމަށެވެ.
ގާޒާ ކޮމިޓީގައި އަންހެނަކު ނެތެވެ.
ވައިޓްހައުސް އިން ބުނެފައިވަނީ މިއީ 15 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ކަމަށާއި މި ކޮމިޓީގެ ވެރިއަކަށް ހުންނަވާނީ ފަލަސްތީނުގައި މީގެ ކުރިން ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އަލީ ސާތު ކަމަށެވެ.
މި ކޮމިޓީގައި ހިމެނޭ ބޭފުޅުންނަށް ބަލާއިރު، އެމެރިކާގެ މިހާރުގެ ހާރިޖީ ވަޒީރަކީ، ޓްރަމްޕަށް މިފަހަރު ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން ގާޒާއާ ސުލްހަވުމާ ދެކޮޅަށް ފާޅުގައި ވާހަކަ ދެއްކެވި ބޭފުޅެކެވެ.
ކޮމިޓީގައި ހިމެނޭ ޓްރަމްޕްގެ ދަނބިދަރި ކުޝްނާ ވަނީ، ގާޒާގެ ގޮނޑުދޮށުގައި ހަދާ އިމާރާތްތައް ވަރަށް އަގުބޮޑުވާނެ ކަމަށް ވިދާޅުވެ މީގެ ކުރިން ވާހަކަ ދައްކަވާފައެވެ.
މި ބޭބޭފުޅުން ލައިގެން ގާޒާ ހިންގަން ޓްރަމްޕް މަސައްކަތް ކުރެއްވި ނަމަވެސް މިއީ ބަލައިގަނެވޭނެ ބައެއް ނޫން ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.
