ފުޅާ ދާއިރާއެއްގައި ވޭޕްގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ވައިޓްރޯސް / މާލެ، ނުހާމް މުހައްމަދު ޝިޔާން (25އ) އެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފުލުހުން މިއަދު ހިންގި އޮޕަރޭޝަންގައި އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ނެނޯ ކާޓްރިޖް އާއި ވޭޕް އަދި ޕޮޑްގެ އިތުރުން ފައިސާ ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ނުހާމް މުހައްމަދު ޝިޔާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގައި ބުނާގޮތުގައި އިލެކްޓްރޯނިކް ސިނގިރޭޓް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުމާއި ބެހުން ވެސް މަނައެވެ.
ރާއްޖޭގައި މިބާވަތުގެ އެއްޗެއް ވިއްކައި ނުވަތަ ހިލޭބަހާ ނަމަ އެފަރާތެއް 20,000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ. އަދި ވިއްކާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތަކަށް 10,000 ރުފިޔާގެ މަގުން ޖޫރިމަނާ ކުރެއެވެ. އަދި ވޭޕް ބޭނުންކޮށްފި ނަމަ 5،000 ރުފިޔާއިން ޖޫރިމަނާކޮށް، ވޭޕް ހިލޭ ބަހައިފިނަމަ 10،000 ރުފިޔާއިން ޖޫރިމަނާ ކުރެއެވެ.
މީގެ އިތުރުން އެފަދަ އާލާތެއް ނުވަތަ އެފަދަ އެއްޗަކާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ވިއްކީ ނުވަތަ ހިލޭ ބެހީ ކުޑަކުއްޖަކަށް ކަމުގައިވާ ނަމަ، އާންމު އަގުން އެފަރާތެއް ޖޫރިމަނާކުރުމުގެ އިތުރުން، އެފަރާތެއް 50,000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.
