ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއަށް ކުރިމަތިލުމަށް ފޯމް ހުށަހަޅާ ތާރީހު ފަސްކޮށްފިއެވެ.

ހައުސިންގް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ، "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލުން އަންނަ އާދިއްތަ ދުވަހަށް ފަސްކޮށްފައިވާ ކަމަށެވެ.

މިފަދައިން ފަސްކުރީ ގިނަ އަދަދެއްގެ ބަޔަކު އެޕްލައި ކުރާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފުތާ ބަންދާ ދިމާކޮށް ހުޅުވާލުމުން އާންމުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ދިމާވެދާނެތީ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންކަމުން 18 ޖެނުއަރީ 2026 ވާ އާދިއްތަ ދުވަހު ހެނދުނު 9:00 ގައި ޕޯޓަލް އާންމުކޮށް ހުޅުވަން ނިންމާފައިވާކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

ދިވެހި ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ނަން ދީފައިވާ މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ.

ގޯތި ސްކީމަށް ކުރިމަތިލެވޭނީ މާލެ ރަށްވެހިންނާއި މާލޭގައި ދިރިއުޅެމުންދާ އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށެވެ. އޭގެ ތެރެއިން މާލޭ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވަނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެއިންނެވެ. އެހެނިހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޭން ނިންމާފައިވަނީ ރަސްމާލެއިންނެވެ.

މި 4،000 ފްލެޓުގެ ތެރެއިން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،200 ފްލެޓު، ވިލިމާލޭގެ ގެއެއްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 300 ފްލެޓު މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް 1،000 ފްލެޓު އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ފްލެޓު ވަނީ ކަނޑައަޅައިފައެވެ.