މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ "އޮޕަރޭޝަން އަލިމަގު"ގެ ދަށުން މާލެ އާއި ގއ. އަތޮޅުގައި ފެށި ހާއްސަ އޮޕަރޭޝަންގައި ގއ. އަތޮޅުން ހައްޔަރު ކުރި މަސްތުވާތަކެތީގެ ބޮޑުންގެ ނެޓްވޯކެއްގައި 300 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވާ ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަން އަލިމަގުގެ ދަށުން މި މަހު 11 ވަނަ ދުވަހު 4 މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައި ވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާހް ލަތީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަހްމަދު މަދީހު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަހްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ. ވިލިނގިލި، ނޫރުއްނިޒާމް (35އ) އެވެ.

ފުލުހުން ބުނީ، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާހް އާއި މަދީޙާއި އަނާމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ނޫރުއްނިޒާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގެ ތަހުގީގުން ހާމަވެފައިވާ ކަންކަން ހާމަކުރަމުން ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ނެޓްވޯކެއްގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މީހުންކަމަށެވެ. އެގޮތުން މި ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަމަށާއި، ފާއިތުވި 5 އަހަރު ތެރޭގައި މިނެޓްވޯކު މެންބަރުންގެ އެކައުންޓުތަކުގައި 300 މިލިއަން އަށް ވުރެން ގިނަ ދިވެހި ރުފިޔާ އަދި 4 ލައްކައަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ނެޓްވޯކު އިސްވެ ހިންގާ ފަރާތާއި އަދި އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވާ 19 ފަރާތެއް ދެނެގަނެ އެ ހުރިހާ ފަރާތްތަކުގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންކަމަށްވެސް ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މިހާރު ފުލުހުންގެ ބަންދުގައި ހުރި އަހުމަދު މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17,174,461.12 ރުފިޔާ ދައުރު ކޮށްފައިވާކަމަށާއި، ނަމަވެސް މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430,638.99 ރުފިޔާ ކަމަށެވެ. އަދި އަހުމަދު އަނާމް އިބްރާހީމް ގެ ބޭންކް އެކައުންޓުތަކުގައި 38،812،690.60 ރުފިޔާ ދައުރު ކޮށްފައިވީނަމަވެސް އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 ރުފިޔާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަދި ޝައްފާހު ލަތީފް ގެ ބޭންކް އެކައުންޓުތަކުގައި 6،916،752.83 ރުފިޔާ ދައުރު ކޮށްފައިވާކަމަށާއި، މި މުއްދަތު ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 371،635.36 ރުފިޔާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ 53 ބޭންކު އެކައުންޓު ފްރީޒްވެސް ކުރެވިފައިވާކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި އޮޕަރޭޝަން އަލިމަގަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އެންމެ ވަރުގަދަ ހަރަކާތެވެ. މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިއުގަތައް ހުއްޓުވައި މުޅުން ނައްތާލުމަށާއި މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނެއުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ބުނެއެވެ.