އީރާނުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ފުޅާވެ ލޭއޮހޮރުވުމަކަށް މަގުފަހިވެގެން ގޮސްފައި ވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ދިނުމަށް ބަޔަކު ފަހަތުގައި ތިބެގެން ކަމަށް އީރާނުން ބުނެފިއެވެ.
އެކަމުގައި އީރާނުން ފާޅުގައި ބުނެފައި ވަނީ، ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ ޔަހޫދީ ދައުލަތް (އިޒްރޭލް) އާއި އެމެރިކާ ކަމަށެވެ.
އީރާނުގައި އާންމު ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް ނިކުތީ، އިގްތިސޯދީ ހީނަރުކަމާއި މުދަލާއި ތަކެތީގެ އަގުތައް އުފުލިގެން ދިޔުމުން އެކަމަކާ ދެކޮޅަށް އިހުތިޖާޖު ކުރުމަށެވެ. އާންމު ވިޔަފާރިވެރިންނާއި އެކިއެކި ފަރާތްތަކުން މަގުތަކަށް ނިކުމެ ކުރަން ފެށި އިހުތިޖާޖު މުޒާހަރާއަކަށް ބަދަލުވެ ދިގުލަމުން ދަނިކޮށް، ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް ހިތްވަރު ލިބޭގޮތަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.
އޭނާ އިންޒާރު ކުރެއްވީ، މުޒާހަރާގެ ބައިވެރިން މަރާނަމަ އެމެރިކާއިން އީރާނަށް ހަމަލާ ދޭނެ ކަމަށެވެ. އޭރު މުޒާހަރާގެ ތެރެއިން 10 މީހަކު އޮތީ މަރާލާފައެވެ.
ޑިސެމްބަރު 28 ގައި ފެށި އެ ހަރަކާތް މިއަދާ ހަމައަށް އައިއިރު، ލޭއޮހޮރުވުމަކަށް ބަދަލުވެ، 600 އާ ގާތްކުރާ އަދަދަކަށް މީހުން މަރުވެއްޖެއެވެ. ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނިކުން މީހުންގެ ތެރެއިން ބައެއް މީހުންގެ އަތުގައި ބަޑިއާއި އެކި ހަތިޔާރު ހުރި އިރު އެމީހުން ގެންދަނީ ސަލާމަތީ ބާރުތަކަށް އަމާޒުކޮށް ހަމަލާ ދެމުންނެވެ. ހަމައެއާއެކު ސަލާމަތީ ބާރުތަކުން ދަނީ، މުޒާހަރާގެ ބައިވެރިން މައިތިރި ކުރުމަށް ކުރިމަތިލަމުންނެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ސަލާމަތީ ބާރުތަކުގެ މެންބަރުންގެ ތެރެއިން 100 އަށް ވުރެ ގިނަ މެންބަރުން މަރުވެއްޖެއެވެ.
އީރާނަށް ހަމަލާ ދިނުމަށް 'ސީރިއަސް ކޮށް' ވިސްނާ، އަންދާޒާތައް ހަދަމުން ދާކަމަށް ވިދާޅުވެ ދެވަނަ އިންޒާރު ޓްރަމްޕް ދެއްވުމާއެކު އީރާނުގެ ރާގު ވެސް ވަނީ ބަދަލުކޮށްފައެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވީ، އެމެރިކާއިން ބޭނުން ވަނީ އީރާން 'ޓެސްޓް ކުރަން ނަމަ' މިހާރުވެސް ހަނގުރާމައަށް ތައްޔާރު ކަމަށެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ހަމަލާ ދިން އިރަށް ވުރެ މިހާރު އަސްކަރީ ގޮތުން މާ ފުޅާކޮށް ތައްޔާރު ވެފައި ވާ ކަމަށާއި، 'އޯލް އޮޕްޝަންސް' ނުވަތަ ހުރިހާ ހާލަތަކަށް ތައްޔާރު ކަމަށެވެ.
އެމެރިކާގެ އިންޒާރާ ގުޅިގެން އީރާނުގެ އެކި އޮފިޝަލުން އެމެރިކާއަށް އިންޒާރުގެ ބަސްތައް ރައްދުކުރަމުން ދާއިރު، ގާނޫނު ހަދާމަޖިލީހުގެ ތަރުޖަމާން ވެސް ވިދާޅުވެފައި ވަނީ، އެމެރިކާއިން އީރާނަށް ހަމަލާ ދީފި ނަމަ އިޒްރޭލާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ ބޭސްތަކާއި މަނަވަރުތަކަކީ އީރާނުގެ އަމާޒަށް ވާނެ ކަމަށެވެ.
ޓްރަމްޕް ބޭނުންފުޅު ވަނީ، އީރާނުގައި މިހާރު އޮތް ވެރިކަން ވައްޓާލައި އެތަނަށް ގޮނޑިކޮއްކޮ ސަރުކާރެއް ގެންނާށެވެ.
މި ދަނޑިވަޅުގައި ހުޅަނގުގެ ގައުމުތަކުގެ އެހީތެރިކަމާއެކު އަރުވާލެވިގެން ޔޫރަޕްގައި އުޅުއްވާ އީރާނުގެ ކުރީގެ ރައީސް ޝާހްގެ ދަރިކަލުން ރެޒާ ޕަހްލަވީ ގެންދަވަނީ، ސަރުކާރާ ދެކޮޅު އީރާނުގެ ރައްޔިތުންނަށް ހިތްވަރު ދެއްވަމުންނެވެ.
