އުރީދޫ އިން "ޓެކްސްޓް އަ ކޮފީ" ގެ ނަމުގައި ހާއްސަ ހިދުމަތެއް ފަށައިފިއެވެ.

އުރީދޫ އިން ބުނީ ޓެކްސްޓް އަ ކޮފީ ހިދުމަތަކީ ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް ފޮނުވާލުމަށް ވަރަށް ފަސޭހަ ހިދުމަތެއް ކަމަށާއި، މި ހިދުމަތް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް އާއިލާ އަދި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ ކަމަށެވެ.

އެގޮތުން ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި ހިދުމަތަކީ އެހީތެރިއަކަށް ވާނެކަން ފާހަގަކޮށް އުރީދޫ އިން ބުނީ ހަދިޔާއެއް ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ލިބޭނެ ކަމަށާއި، ކެފޭ ނުވަތަ ރެސްޓޯރެންޓަށް ގޮސް އެ ކޯޑު ހިއްސާކުރުމުން ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެކަމަށެވެ.

އުރީދޫ އިން ބުނީ މިއީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިދުމަތެއް ކަމަށެވެ. މި ހިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހިމެނޭކަމަށާއި އެއީ ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

ޓެކްސްޓް އަ ކޮފީ އަކީ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ހިދުމަތެއްކަން ފާހަގަކޮށް އުރީދޫއިން ބުނީ ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން މި ހިދުމަތުގެ ސަބަބުން ކޮންމެ ވަގުތަކު ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ ކަމަށެވެ.