ރާއްޖޭގެ ބޮޑު ސަރަޙައްދެއްގައި ދުރު ފެންނަ މިންވަރު ދަށްވެ، އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ރާއްޖޭގެ ވައި ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓު އޮފީހުން ބުނީ މިއަދު، އުތުރާ މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފު ކަމަށެވެ. ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ "ރެޑް އެލަޓް"އަށް އަރާފައިވާކަން ފާހަގަކޮށް މެޓުން ބުނީ ކުރިއަށް އޮތް 6 ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރެއްގައި ކަމަށެވެ.
އެހެންކަމުން ސިއްހީ ގޮތުން މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންޖެހޭ ކަމަށް މެޓުން ވަނީ ބުނެފައެވެ. މީގެ އިތުރުން މެޓުން ބުނީ ދުރު ފެންނަ ނިސްބަތް ހުންނަ މިންވަރު ރަނގަޅުވާނެ ކަމަށް ބެލެވެނީ ހޮނިހިރު ދުވަހުގެ ފަހުން ކަމަށެވެ.
ރާއްޖެ ސަރަހައްދުގެ ވައިނުސާފު ވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމުގެ ސަބަބުންނެވެ. ވިލިމާލޭގައި ހުންނަ އެއާ ކޮލިޓީ މިނީޓަރިން ސިސްޓަމުން ދައްކާ ގޮތުން މިވަގުތު ވެސް މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 193 ގައެވެ. އަދި ދ.ކުޑަހުވަދޫގައި ހުންނަ މޮނީޓަރިން ސިސްޓަމުން ދައްކާ ގޮތުން އެސަރަހައްދުގެ ވައިގެ ކޮލިޓި ހުރީ 162 ގައެވެ.
އެޗްޕީއޭއިން ބުނީ ވައި ނުސާފު ވަގުތުތަކުގައި ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި ނުވަތަ އެލާޖީގެ މައްސަލަތައް ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުން މީހުން ބޭރުގައި ގިނަ ވަގުތު ހޭދަ ނުކުރަން އިލްތިމާސްކޮށްފައެވެ.
